2-1 ން އައިވަރީ ކޯސްޓް ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ނޯވޭ ގަދަ 16 އަށް ނޯވޭ ދަތުރުކޮށްފިއެވެ.
ނޯވޭ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ 16 ޓީމްގެ ތެރޭގައި ހިމެނުނީ ގަދަ 32 ޓީމް ވާދަކުރާ ބުރުގައި ވާދަވެރި ކުޅުމަކަށްފަހު އެފްރިކާގެ އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފުރަތަމަ ކުރި ހޯދީ ނޯވޭއިންނެވެ. ހާފް ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް، ކެޕްޓަން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ލީޑް ނަގައިދިނީ އެންޓޯނިއޯ ނޫސާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ކަނަށެވެ. މެޗުގެ ފޯރިއާއި ވާދަވެރިކަން ބޮޑުވީ ދެވަނަ ހާފްގައި މެޗުގެ 74 ވަނަ މިނިޓްގައި އައިވަރީ ކޯސްޓުން ލަނޑުޖަހާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ނިކޮލަސް ޕެޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ނަތީޖާ ހަމަހަމަކޮށްދިނީ އަމަދު ޑިއާލޯ އެވެ. އޭނާ ބޯޅަ ފޮނުވާލީ ގޯލުގެ ދުރުކަނަށެވެ. އެކަމަކު އެނަތީޖާގައި އޮތީ 11 މިނިޓެވެ. ވަރލްޑްކަޕްގައި ފުރަތަމަ ފަހަރަށް ކުޅޭ ނޯވޭގެ ތަރި ހާލަންޑް ލަނޑު ޖަހާ ނޯވޭ ގަދަ 16 އާ ކައިރިކޮށްދިނެވެ. ޕެޓްރިކް ޕާކް ތަނަވަސްކޮށްދިން ފުރުޞަތުގައި ހާލަންޑް ބޯޅަ ގޯލަށް ފޮނުވާލީ އޭރިޔާ ތެރޭގައި ހުރެއެވެ. މިއީ މުބާރާތުގައި ހާލަންޑްގެ ފަސްވަނަ ލަނޑެވެ.
މެޗުގެ ނަތީޖާ އަލުން ހަމަހަމަވެދާނެހެން ހީވީ އިތުރު ވަގުތުގައި އޭރިޔާ ބޭރުން ލިބުނު ހިލޭޖުން އަމަދު ޑިއާލޯ ފޮނުވާލި ބޯޅައިގެ ނުރައްކާތެރިކަމުންނެވެ. ގޯލްގެ މތީ ކަނާ ދިމާއަށް ދިޔަ ބޯޅަ ނޯވޭ ކީޕަރު ނީލޭންޑް ވައަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ. ކޯނަރުވެސް ދިޔައީ ނޯވޭގެ ފަހަތަށް ބާރު ބޮޑުވެގެންނެވެ. އެހެންނަމަވެސް މެޗުގެ ނަތޖާ ހިފަހައްޓާ ނޯވޭ ތާރީޚީ ކާމިޔާބީއެއް ހޯދިއެވެ. މިއީ ވަރލްޑްކަޕް ނޮކްއައުޓް މެޗެއް ނޯވޭއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ގަދަ 16 ބުރުގައި ނޯވޭ ވާދަކުރަން ޖެހޭނީ ބްރެޒިލްއާއެވެ.