ޚަބަރު

ހަސީނާ މިއަހަރު އެނބުރި ބަންގްލަދޭޝަށް ވަޑައިގަންނަވަނީ


އަމިއްލައަށް އަރުވައިލެއްވިގެން އިންޑިޔާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، މި އަހަރު ނިމުމުގެ ކުރިން އެނބުރި ބަންގްލަދޭޝަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.

ޙަސީނާ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެންފައިވަނީ އޯގަސްޓް 2024ގައިއޭނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ޒުވާނުން އިސްވެ ފެށި މުޒާހަރާތަކާ ގުޅިގެންނެވެ. އޭނާގެ ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ކޮންޓުރޯލު ކުރުމަށް ޙަސީނާގެ ސަރުކާރުން ވަނީ ފުލުހުން މެދުވެރިކޮށް، ބާރުގެ ބޭނުން ކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި އެތަކެއް ސަތޭކަ ބަޔަކު މަރުވިއެވެ.

އެ ކަމުގައި ޝައިޚް ޙަސީނާގެ ބައިވެރިވުން އޮތް ކަމަށް ކަނޑައަޅައި، ބަންގްލަދޭޝްގެ ކޯޓަކުން ދާދިފަހުން ވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައެވެ.

އިންޑިޔާގެ އެންޑީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޙަސީނާ ވިދާޅުވީ، އެ ޙުކުމަކީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށާއި، އެ ހުކުމް ބަލައިނުގަންނަވާ ކަމަށެވެ.

އަދި މަރުގެ އަދަބު ދީފާނެކަމުގެ ބިރަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެނބުރި ބަންގްލަދޭޝަށް ވަޑައިގަންނަވާނެކަމަށް ޙަސީނާ ވިދާޅުވިއެވެ.

ޙަސީނާ ވިދާޅުވި ގޮތުގައި، އޭނާ އެނބުރި ޤައުމަށް ވަޑައިގަންނަވާނީ ބަންގްލަދޭޝްގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ އަސާސީ ޙައްޤުތައް އަލުން އިޔާދަކޮށްދެއްވުމަށެވެ.

މަސްތަކަކަށް ދެމިގެންދިޔަ ޝަރިޢަތަށް ފަހު ޙަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން އިއްވާފައިވާ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގައި، ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވަނީ ސީދާ އޭނާގެ އަމުރަށެވެ. މިއީ، އެ ޤައުމުގެ ތާރީޚުގައި ވެސް ކުރީގެ ވެރިއަކާ ދެކޮޅަށް މަރުގެ އަދަބު ދިނުން ފަދަ ހަރުކަށި އަދަބެއް ދިނުމަށް ޙުކުމް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.