ޚަބަރު

ވިއައިއޭގެ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ރަޖިސްޓްރީކުރަން ޕޯޓަލްއެއް


  • ހާބަރ ޕޯޓަލްގެ ސަބަބުން އިންތިޒާމުތައް ހަރުދަނާކުރެވޭނެ

  • ފަޅުވެރިން ހޭލުންތެރިކުރާނެ

  • ޚިދުމަތް ފުރިހަމަކުރާނީ އެކި މަރުހަލާތަކަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި "ހާބަރ ޕޯޓަލް"ގެ ނަމުގައި ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ. މި ޕްލެޓްފޯމްގެ ބޭނުންކުރާނީ އެކި މަރުޚަލާތަކަކަށް ބަހާލައިގެންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި ޕްލެޓްފޯމްގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދުގެ ގުޅުން ބަދަހިކުރެވި ދެ ފަރާތަށްވެސް ޚިދުމަތްތައް ލުއިފަސޭހަވެގެންދާނެއެވެ.

"ހާބަރ ޕޯޓަލް"ގެ ނަމުގައި ތަޢާރަފުކުރި މި ޕޯޓަލްގެ މަޤުޞަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ފަޅުތެރެ ބެލެހެއްޓުމާގުޅޭ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުންކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. މި ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓަރ ކުރުމުގައި އެމްއޭސީއެލްއަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

"ހާބަރ ޕޯޓަލް" ބޭނުންކުރަން ފެށުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ފުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށެވެ. މިހާތަނަށް އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވާނީ ކުރިއަށް ގެންގޮސްފައެވެ. ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ހާބަރ ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ޕޯޓަލްގައި ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނިޔަލަށެވެ. އަދި ފަހު މަރުހަލާގައި 'ހާބަރ ޕޯޓަލް' ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.