ޚަބަރު

ދޮށީ އުމުރުގެ އާބާދީއަކަށް ތައްޔާރުވުމަށް ރާއްޖެއިން މުހިންމު ފިޔަވަޅުތަކެއް!


  • 2050ވަނަ އަހަރާ ހަމައަށް އުމުރުން ދުވަސްވީ އާބާދީ 100،000އަށް އަރާނެ

  • ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް ބޭނުންވާ ވަސީލަތްތައް ދަނީ ޤާއިމުކުރަމުން

ރާއްޖޭގައި މީހުން މަރުވާ އުމުރު އެވަރެޖްކޮށް 81 އަހަރަށް އިތުރުވަމުންދަކަން އދ.ގެ ރިޕޯޓެއްގައިވެސް ފާހަގަކޮށްފައިވެއެވެ. 2031ވަނަ އަހަރުން ފަށައިގެން ރާއްޖެ ދެން ދަތުރުކުރަން ފަށާނީ، އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށެވެ. ރާއްޖޭގެ އަލަށް ކުދިން އުފަންވާ ރޭޓް ދަށްވަމުންދާކަން، އުފަންވެނި ތަފާސްހިސާބުތަކުން ދައްކައެވެ.

މިހާރު 65 އަހަރުން މަތީގެ އާބާދިއަކީ، ރާއްޖޭގެ މުޅި އާބާދީގެ %5އެވެ. ނަމަވެސް 2050 ވަނަ އަހަރު އަންނައިރު، އާބާދީގެ %21.5 މީހުންވެގެންދާނީ އުމުރުން ދުވަސްވީ އާބާދިއަށެވެ. އެއީ އަދަދުން ބަލާއިރު، ލައްކައަކަށްވުރެ ބޮޑު އާބާދީއެވެ.

ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ އުމުރުން ދުވަސްވީ އާބާދީ އިތުރުވަމުންދާއިރު، އެފަރާތްތަކަށް ބޭނުންވާ ޚާއްސަ އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މުހިންމު ޒިންމާއެއްކަމަށެވެ. އަދި ޒުވާނުންގެ އާބާދީ ދައްވުމާއި އާއިލީ ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅާލާނެ ފަރާތެއް ނެތް އިސްރަށްވެހިންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

މިކަމަށް ރިއާޔާތްކޮށް ސަރުކާރުން މިހާރު މިވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެންމެ ބޮޑު އެއް އަމާޒަކީ ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއެއް ބިނާކުރުމެވެ. އަދި އެފަދަ މީހުންނަށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމާއި ސިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަން ފޯރުކޮށްދެވޭނެ ނިޒާމު މުޅި ރާއްޖޭގައި ޤާއިމުކުރުމެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރުތައް ތަރައްޤީކުރަނީ ށ. ފުނަދޫ، ކ. ތުލުސްދޫ އަދި އައްޑޫ ސިޓީ ފޭދޫގައެވެ.

އައްޑޫ ސީޓީގައި ޤާއިމުކުރާ ސެންޓަރުގެ މަސައްކަތް މިއަހަރު ޖެނުވަރީ މަހު ވަނީ ފަށާފައެވެ. މިއީ 80 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ށ. ފުނަދޫގެ މަރުކަޒުގެ މަސައްކަތް މިހާރު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މިއީ 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މި މަސައްކަތް 1 އަހަރުން ނިންމާނެއެވެ.

ކ. ތުލުސްދޫގެ މަރުކަޒުގެ މަސައްކަތްވެސް އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 120 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މިއީ ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ އިތުރުން، އަމިއްލައަށް އެދިގެން ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކުރާ، އެކި ގިންތީގެ ކޮޓަރިތައް ހިމެނޭ މަރުކަޒެކެވެ.

މި އިމާރާތްތަކުގައި މެޑިކަލް ވޯޑް، ފިޒިއޮތެރަޕޯ ރޫމް، ސޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި ޕާޕަސް ހޯލު ފަދަ ޚިދުމަތްތައް ޤާއިމުކުރާނެއެވެ.

މި މަރުކަޒުތަކުގެ ސަބަބުން ދައުލަތުން ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ސިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެދަށުން ލިބިގެންދާނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.