ބޮޑުތަކުފާނު މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ޖުލައި 26ގެ ނިޔަލަށް މުޅިން ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މިހާރު ތައްޔާރުވެފައިވަނީ ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފޭސް 1ގައި ހިމަނާފައިވާ މަސައްކަތުގެތެރެއިން މިހާރު ކުރަމުންދަނީ ސެގްމަންޓް 2އިން ފެށިގެން 5އާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތެވެ. އެއީ 700 މީޓަރަށްވުރެ ބޮޑު ސަރަޙައްދެކެވެ. މި މަސައްކަތް ފެށީ މާރިޗު މަހުގެތެރޭގައެވެ.
މަޝްރޫޢުގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. މަގު ފުޅާކޮށް، އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތްތާއި ފެނާ ނަރުދަމާގެ ވިއުގަގެ މަސައްކަތްތަކުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. މަގު ފުޅާކުރުމަށް 6 މީޓަރު ބޭރަށް އެއްގަމު ތޮށި ޖައްސާ، ތޮށި ވަނީ މުޅިން އައުކޮށްފައެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.
މިހާރު ކުރަމުންދަނީ މަގުގައި ތާރު އެޅުމުގެ ފަހުގެ ތައްޔާރީތަކެވެ. މަގު އެއްވަރުކުރުމުގެ މަސައްކަތާއެކު ސަބް ގްރޭޑިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. އެމްޓީސީސީން ވިދާޅުވީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި ޖުލައި 26ގެ ކުރިން ޕްރޮޖެކްޓް ނިންމާނެކަމަށެވެ.
މަގުގެ މަސައްކަތުގައި ހިމަނައިގެން 580 ސައިކަލަށް ޕާކުކުރެވޭނެ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ޒޯން ހަދަނީ ބޭންކް އޮފް ސިލޯން ކުރިމަތިން، ތޮށިގަނޑު އިތުރަށް ބޭރަށް ޖައްސައިގެންނެވެ.
މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭވްމަންޓު ހަދައި، ލައިޓް ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ. މަގު ތަރައްޤީކުރުމުގެ މި މަސައްކަތްތަކާއެކު، ބޮޑުތަކުރުފާނު މަހުގެ އެ ސަރަޙައްދުތަކަމަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިފައެވެ.
އެގޮތުން ޓްރެފިކް މައްސަލަތައް ޙައްލުވުމާއި، މަގު އުތުރަށް ތަނަވަސްވެ ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑު ލުއފަސޭހައަކާއި ހިތްހަމަޖެހުމެއް ވަނީ ލިބިފައެވެ. އަދި މާލޭގެ މަލަމައްޗަށްވެސް ހިތްގައިމުކަމެއް ވަނީ ލިބިފައެވެ.