ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތަކަށް ދޭންޖެހޭ ސައިބަރ ސެކިއުރިޓީ ދިނުމަށް ރާއްޖެ ތައްޔާރު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ "ޓްރޭޑް ޑެސްކް" ޕޮޑްކާސްޓުގައި ރާއްޖެއަށް ޕޭޕަލް ފަދަ ޚިދުމަތްތައް ގެންނައިރު ސައިބަރ ސެކިޔުރިޓީގެ ދާއިރާއިން ވެފައިވާ ތައްޔާރީތައް ހިއްސާކުރައްވާފައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތު ތަންފީޒުކުރުމުގައިވެސް އެންމެ މުހިންމު އެއް ތަނބަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ މިވަގުތު އޮތް ފެންވަރު މަތިކުރުން ކަމަށެވެ. އަދި ރާއްޖޭގެ ސައިބަރ ސްޕޭސްއަކީ ޕޭޕަލް ފަދަ ފިންޓެކް ސޮލިއުޝަންތައް އަންނައިރު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ނެޓްވަރކް ސްޕޭސްއަކަށް ހެދުމަކީ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރެއްވި މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0 ގެ މިންގަނޑުތަކާ އެއްގޮތަށް ޤާނޫނީ ފްރޭމްވަރކް ހަދައި، ޤާނޫނު ވުޖޫދުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި އެ ޤާނޫނު އައުމުގެ ކުރިންވެސް، ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ޤާއިމުކޮށް ސައިބަރ އޮޕަރޭޝަން ސެންޓަރަކާއި ފުލުހުންގެ ތެރޭގައި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއްވެސް ޤާއިމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މިއާއެކު ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ފިންޓެކް ސޮލިއުޝަންތަކަށް ޤައުމީ ފެންވަރުގައި ދޭންޖެހޭ ސައިބަރ ސެކިއުރިޓީ ސަރވިސްތައް ދިނުމަށް އިދާރާތައް ތައްޔާރުވެފައިވާ ކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.
"އެފަރާތްތަކަށް ރާއްޖޭގެ ނޭޝަނަލް ލެވަލްގައި ދޭންޖެހޭ ސައިބަ ސެކިއުރިޓީ ސަރވިސްތަކާއި އަދި އެ ފަރާތްތަކަށް އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި ސައިބަ ސައިޑުން ދޭންޖެހޭ އެހީތެރިކަން ދޭން މިހާރު މިނިސްޓްރީއާއި މިނިސްޓްރީއާ ގުޅިފައިވާ އިދާރާތަކުން ވަނީ ތައްޔާރުވެފައި،" ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގައި ނެޓްވަރކް ސޮލިއުޝަންސް ދޭ ފަރާތްތަކާއި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކާއި އޮޕަރޭޓަރުންނާއި ފިންޓެކް ސޮލިއުޝަން ދޭ ފަރާތްތަކުގެ ހުންނަންޖެހޭ މިންގަނޑުތައް ވުޒާރާގެ ފަރާތުން ކަނޑައަޅުއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތަތްތައް އޮޑިޓް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުވުމާއެކު ވިޔަފާރިވެރިންނާއި ކްރިއޭޓަރުންނަށް ބައިނަލްއަގުވާމީ މާކެޓަށް ވަނުމަށް އިތުރު ދޮރެއް ހުޅުވިއްޖެކަން ފާހަގަކުރައްވައި ވަޒީރު އިހްސާން ވަނީ އެ ފުރުސަތުގެ ބޭނުން ހިފައި ދިވެހީންގެ ހުނަރުތައް ދައްކާލުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ.