ޚަބަރު

އޮޑީގެ ކޯޗަކަށް ކުރިން ވިކްޓްރީއަށް ކުޅުނު ލޫސިއާނޯ


  • މީގެ ކުރިން އޯޑިގެ ކޯޗަކަށް ހުރީ ޕޯޗުގަލްގެ ގްރެގޯރިއޯ

  • ލޫސިއާނޯ ވަނީ 2008 ވަނަ އަހަރު ރާއްޖޭގެ ވިކްޓްރީއަށް ކުޅެފައި

އޮޑި ސްޕޯޓްސް ކުލަބްގެ ކޯޗަކަށް ކުރިން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅުނު އާޖެންޓީނާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު ލޫސިއާނޯ ތެއިލާ ހަމަޖައްސައިފިއެވެ.

އޮޑިން މި ސީޒަން ފެށީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯގެ އިރުޝާދުގެ ދަށުންނެވެ. އޭނާ ޓީމާ ހަވާލުވީ ކަޕް ވިނާސް ކަޕުގެ ތެރެއިންނެވެ. އެކަމަކު ދެ މެޗު އޮޑިއަށް އިރުޝާދު ދިނުމަށްފަހު، ކްލަބާ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތުން މަޝްވާރާ ކުރުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ.

އޮޑިއާ އަލަށް ހަވާލުވި ކޯޗު ލޫސިއާނޯ ވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. ވިކްޓްރީގެ ޖާޒީގައި ލޫސިއާނޯ ފެނިގެންދިޔައީ 2008 ވަނަ އަހަރުއެވެ.

އާޖެންޓީނާގެ އެކި ޑިވިޝަނުގެ ކްލަބްތަކާއެކު ކުރިން މަސައްކަތްކުރި ކޯޗު ލޫސިއާނޯ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ އިސްރާއީލްގެ ކުލަބެއް ކަމަށްވާ މަޗާބީ ހައިފާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އޭގެ ކުރިން ބޮލީވިއާގެ ކުލަބް ޖޯޖް ވިލްސްޓާމަންގެ ހެޑް ކޯޗުކަންވެސް ކޮށްފައިވެއެވެ.

މީގެ އިތުރުން ޕެރަގުއާއީގެ އެކި ކުލަބްތަކާއެކު ލޫސިއާނޯ މަސައްކަތްކޮށްފައިވެއެވެ.

މީގެ ކުރިން އޮޑިން ވަނީ ރެއާލަށް ކުރިން ކުޅުނު މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒްގެ ސޮއި ހޯދަން ވެސް މަސައްކަތް ކޮށްފައެވެ. އެ ފަހަރު ރޮޑްރިގޭޒް ވަނީ ރާއްޖެވެސް އައިސްފައެވެ. އެކަމަކު ރާއްޖޭގެ ފުޓުބޯޅައިގެ ވަސީލަތް ނެތް ކަމަށް ބުނެ ސޮއި ނުކޮށް ރޮޑްރިގޭޒް ވަނީ ފުރާފައެވެ.