ޚަބަރު

"ޕީއެންސީ ކޮންގްރެސްއިން ޕާޓީގެ ހިންގުމާއި އެކުވެރިކަން ވަރުގަދަވި"


  • ޕާޓީގެ މެމްބަރުންގެ އަދަދު 80،000އަށް އިތުރުކުރި

  • ޕާޓީގެ ހިންގުން ވަނީ ހަރުދަނާވެފައި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސްގެ ސަބަބުން އެ ޕާޓީގެ ހިންގުމާއި، ޕާޓީގެ އެކުވެރިކަން ވަރުގަދަވެފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޕީއެންސީގެ ކޮންގްރެސްއަކީ އިންތިޒާމުތައް ފުރިހަމަ ކޮންގްރެސްއެއްކަމަށް ރައީސް ވިދާޅުވިއެވެ. ކޮންގްރެސްގެ އެހީގައި ޕާޓީގެ މަސައްކަތްތައް ރަނގަޅު ތަރުތީބެއްގެ ތެރެއިން ކުރިއަށްގެންދަން މަގުފަހިވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އުފާކުރަން ކޮންގްރެސް އެހާ ފުރިހަމައަށް ދިއުމުން، މިއީ ޑިމޮކްރަޓިކް އުސޫލުން ނިމިގެންދިޔަ ވަރަށް ފުރިހަމަ ކޮންގްރެސްއެއް. އަޅުގަނޑު ބޭނުންވަނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާވާން. ޑިމޮކްރަސީ ހަރުދަނާ ވާނީ ސިޔާސީ ޕާޓީތައް ހަރުދަނާވެގެން. ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެގެން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސްއާއެކު ޕާޓީގެ މަސައްކަތް އަތުރާލާނެ ގޮތް ނިމިފައިވާކަމަށެވެ. އަދި އެ ޕާޓީން އަބަދުވެސް އިސްކަންދޭނީ ޤައުމު އިސްކޮށްގެން މަސައްކަތްކުރަން ކަމަށާއި، ޤައުމަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ޕީއެންސީގެ މިފިކުރުގެ އެންމެންގެ ވިސްނުމަކީވެސް އެއީކަމަށް ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ ޕީއެންސީގެ ކޮންގްރެސްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް 2028ގެ ރިޔާސީ އިންތިޚާބުގެ އެ ޕާޓީގެ ރިޔާސީ ޓިކެޓްވަނީ އަރުވާފައެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވެރިކަން ކުރުމަކީ މާބޮޑު އުފަލެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށާއި، ވެރިކަމަކީ ވަރަށް ބޮޑު އަމާނާތެއްކަމަށެވެ. އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ މަނިކުފާނު މަސައްކަތްކުރައްވަނީ، ސަރުކާރުގެ ވަޢުދުތައް ފުއްދުމަށްކަމަށެވެ. ހަޤީޤީ މާނާގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ރައީސްދެއްވިއެވެ.

"އަޅުގަނޑަށް މިކަންކަން ކުރުމުގައި ވަރަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބޭ. ޕީއެންސީ ކޮންގްރެސްގެ ބައިވެރިން އިއްތިފާގުން ނިންމައިގެން އަޅުގަނޑަށް ހުށަހެޅުމުން، އަޅުގަނޑު އެނިންމުން ޤަބޫލުކޮށް ކުރިއަށްދާން ނިންމީ، ވެރިކަން ކުރުމާއި، ވެރިކަމާއި ގުޅުން އޮތް ކޮންމެ ކަމެއް ކުރުމުގައި އަޅުގަނޑު މަސައްކަތް ކުރާނީ ވަރަށް ސީރިއަސް ކަމާއެކު، އަޅުގަނޑު ކޮންމެ ދުވަހަކުވެސް ހޭދަކުރާ ކޮންމެ ވަގުތަކަި ރައްޔިތުންގެ ޚިދުމަތުގައި ހޭދަކުރާ ވަގުތުތަކެއް." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ މަތީ މަޖިލީސް ފެށުނު އިރު މެމްބަރުންގެ އަދަދު ހުރީ 79,364ގައެވެ. ޕީއެންސީގެ ކޮންގްރެސް ނިންމާލީ އެ ޕާޓީގެ މެމްބަރުންގެ އަދަދު 80،000އަށް އިތުރުކުރުމަށް ފަހުގައެވެ. 1,300 އަށްވުރެ ގިނަ މަންދޫބުންނާއެކު ބޭއްވި މި ބައްދަލުވުމުގައި، ވާދަވެރި އިންތިޚާބުތަކަކަށްފަހު 6 ނައިބު ރައީސުން ހޮވާފައިވެއެވެ.

ކޮންގްރެސްގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާޙުތައް ފާސްކުރުމަށް ނިންމީވެސް 1000އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކުގައެވެ. އެހެންކަމުން މިއީ ތާރީޚީ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. އަދި މި ކޮންގްރެސްގައި ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ވޯޓިންގްގެ ނިޒާމް ބޭނުންކުރިއެވެ.