ކުޅިވަރު

ކޭޕް ވާޑޭގެ ކީޕަރުގެ މަންމަ އަށް އެމެރިކާގެ ވިސާ ދީފި


ސްޕޭނާ އެއްވަރުކުރި ކާބޯ ވޭޑޭގެ ގޯލްކީޕަރު ވޮޒޭނިޔާގެ މަންމަ އަނޭ އެވޯރާ އަށް އެމެރިކާ އަށް ދިއުމަށް ވިސާ ދީފި އެވެ.
އާދިއްތަ ދުވަހު އުރުގުއޭއާ ދެކޮޅަށް ކާބޯވޭޑޭ ކުޅޭ މެޗަށް އުމުރުން 40 އަހަރުގެ ކީޕަރުގެ މަންމަ އެމެރިކާ އަށް ދާން ހަމަޖެހުނީ އެ ގައުމަށް އެތެރެވުމަށް ދައްކަންޖެހޭ ޑިޕޮޒިޓް ފައިސާ މައާފް ކޮށްދިނުމުންނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންތުން މިކަމާ ބެހޭ ގޮތުން ބުނީ ވޮޒޭނިއާގެ މަންމަ އެމެރިކާ އަށް އެތެރެވުމަށް ވިސާ އަށް އެދިފައިވާކަން ރެކޯޑްތަކުން އެނގެން ނެތް ކަމަށެވެ. ނަމަވެސް މުބާރާތުގައި ކުޅޭ 48 ގައުމުގެ ކުޅުންތެރިންގެ އާއިލާތަކަށް އެމެރިކާގެ ވިސާފީ މައާފް ކޮށްދީފައިވާ ކަމަށެވެ.

ވޮޒޭނިއާގެ މަންމަ އަށް އޭނާ ކުޅޭތަން ބަލަން އެމެރިކާ އަށް އެތެރެނުވެވުނު ކަން ފެންމަތިވީ ސްޕޭން މެޗަށް ފަހު ބޮޑު ސަމާލުކަމެއް ލިބުނު ކުޅުންތެރިޔާ އެ ވާހަކަ މީޑިއާގައި ދެއްކުމުންނެވެ. އޭނާ ބުނީ ސްޕޭން މެޗަށް އޭނާގެ މަންމަ އެމެރިކާގެ އެޓްލާންޓާ އަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ހަމަ ނުޖެހުނީ އެމެރިކާގެ ވިސާ ހޯދަން ދައްކަން ޖެހޭ 15000 ޑޮލަރު ހަމަނުކުރެވިގެން ކަމަށެވެ. ޕޯޗުގަލްގެ ދެ ވަނަ ފަންތީގައި ކުޅޭ ކީޕަރުގެ މަހު މުސާރަ އަކީ މަހަކު ހަތަރު ހާހާއި އަށް ހާހާ ދެމެދުގެ ޔޫރޯ އެވެ. ގިނަވެގެން އޭނާ އަށް އަހަރަކު ލިބެނީ ލައްކައެއްހާ ޑޮލަރެވެ. އަންހެނުންނާއި ދެ ކުދިންގެ ހަރަދު ބަލަހައްޓާފައި މިވަރުގެ ހޭދައެއް ކުރުމުގެ ތަނަވަސްކަން ވޮޒޭނިއާ އަށް ލިބިފައިނުވެ އެވެ.

ސްޕޭން މެޗުގެ ތިން ދުވަސް ކުރިން އޭނާގެ މަންމަ އެވޯރާ ކާބޯވޭޑޭގެ ޓީވީ އަށް ދިން އިންޓަވިއު މިހާރު ވަނީ ވައިގައި ހިފައިފަ އެވެ. މި އިންޓަވިއުގައި އެވޯރާ ބުނީ އޭނާގެ ދަރިފުޅު ހުއްޓައި ގޯލަށް ބޯޅަ ވައްދާލުމަކީ ލާހިކަ ކަމެއް ނޫން ކަމަށެވެ. ފަތުއަޑު ކިޔާފައި މި ފެތުރިގަތީ ސްޕޭން މެޗު އެއްވަރުވުމުންނެވެ.

ކާބޯ ވޭޑޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ވޮޒޭނިއާގެ މަންމަ މެޗު ބަލަން އެމެރިކާ އަށް ދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި އެންމެ ފަހު ވަގުތު އެމެރިކާ ސަރުކާރަށް ދައްކަން ޖެހޭ ޑިޕޮޒިޓް ފައިސާ ހަމަކުރެވުނަސް އެ ގައުމުގެ އެތެރޭގެ ހަރަދު ބޮޑު ކަމުން ވޮޒޭނިއާގެ މަންމަ ނިންމީ 6400 ކީލޯ މީޓަރުގެ މި ދިގު ދަތުރު ނުކުރަން ކަމަށެވެ.

ނަމަވެސް އެމެރިކާގެ ހައުސް އޮފް ރެފްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ލީޑަރު ހަކީމް ޖެފެރީސް، ވިދާޅުވީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްސް މާކޯ ރޫބިއޯގެ އަރިހުން މި މައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާ ކަމަށާއި މިހާރު މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. ސަބަބަކީ އެއްވެސް މަޔަކަށް އޭނާގެ ލޯބިވާ ދަރިފުޅު ގޮސް ވޯލްޑް ކަޕްގެ ތާރީހު ބަދަލުކޮށްލާއިރު އެމަންޒަރު ބަލާލުމުގެ ފުރުސަތުން މަހުރޫމް ވިޔަދީގެން ނުވާނެތީ ކަމަށެވެ.

ސްޕޭން މެޗުގެ ކުރިން ވޮޒީނިއާ އަކީ އަހަރުމެން ވެސް ދަންނަ މީހެއް ނޫނެވެ. އެކަމަކު ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް އޭނާގެ ވާހަކަ މީޑިޔާ އަށް ދޫކޮށްލުން ފަދަ ކަންކަމާހުރެ މިހާރު ވޮޒީނިއާގެ ފަސްފަހަތް ބަލާ މީހުންގެ އަދަދު ވަނީ ފަސް މިލިއަން ހުރަސްކޮށްފަ އެވެ. ކޮންފަދަ ބޮޑު ކުރިއެރުމެއް ހެއްޔެވެ. އުމުރުން ދުވަސްވެފައިނުވާނަމަ ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވެސް މިހާރު އޭނާ ފަހަތުން ކިޔޫ ހެދީސްކަން ޔަގީނެވެ.