ޚަބަރު

މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލަ


  • މި ސްކޭމްތަކުން 118,370.05 ރުފިޔާ ވަނީ ގެއްލިފައި

  • އެންމެ ގިނައިން ރިޕޯޓްކުރީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތައް

މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މިމައްސަލަތަކުގައި 118,370.05 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންގެ މަސައްކަތުން މީގެތެރެއިން 164,240.60 ރުފިޔާ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ.

ސްކޭމްގެ ބާވަތްތައް:

* އީ- ކޮމާސް: 26 މައްސަލަ
* ފައިސާ މާރުކުރުން: 1 މައްސަލަ
* އެހެންމީހަކަށް ވެގެން އޮޅުވާލުން: 4 މައްސަލަ
* އެހެނިހެން: 5 މައްސަލަ

ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކަކީ ފާއިތުވި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެވެ. އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، އިތުބާރު ހިފޭ ވަސީލަތްތައް ބޭނުންކުރުމަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ވާހަކަ ދެއްކެނީ އަސްލު ވިޔަފާރިއަކާތޯ ޔަގީންކުރުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.