އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ނުހޯދާ ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާތީ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފިއެވެ. މިފަދަ ޢަމަލެއްކޮށްފައިވާ ފުރަތަމަ ފަހަރުކަމަށްވާތީ އެކުންފުނި ޖޫރިމަނާކޮށްފައިވަނީ ވިހިހާސް ރުފިޔާއިންނެވެ.
ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދާކަމުގައިވާނަމަ، އެމަޝްރޫޢެއްގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ މިންވަރު ބަލަންޖެހެއެވެ. މިގޮތުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ބަޔާންކުރާ މަޝްރޫޢުތައް ފިޔަވާ ކޮންމެ މަޝްރޫޢެއް ކުރިއަށްގެންދާނަމަ، މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމުގެކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ.
އެހެންނަމަވެސް ގަވާއިދާ ޚިލާފަށް ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމަށް ހަދަންޖެހޭ އީއައިއޭގެ މަސައްކަތް ފުރިހަމަނުކޮށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ނުހޯދާ، ވ.ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތް ސީ.ޖޭ.އެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންވަނީ ކުރިއަށްގެންގޮސްފައެވެ.
Press release: Fine Imposed on CJL Investment Private Limited for Installing Seaplane Platforms in V. Kunaavashi in Violation of the EIA Regulation.https://t.co/8ife1Bmk8s
— Environmental Regulatory Authority (ERA) (@ERA_Maldives) June 15, 2026
އެއޮތޯރިޓީން ވިދާޅުވީ އެމައްސަލަ ބެލުމަށްފަހު ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ މިންވަރުކަމަށްވާ ވިހިހާސް ރުފިޔާއިން އެކުންފުނިވަނީ ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް ދައްކާ ޚަލާސްކުރުމަށްވަނީ އެކުންފުންޏަށް އަންގާފައެވެ. އަދި އެކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ގަވާއިދުގައި ބަޔާންކުރާ ގޮތަށް ކުރިއަށްގެންދިޔުމަށް އެކުންފުންޏަށް އަންގާފައިވާނެކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވިދާޅުވެއެވެ.
ހުއްދަ ނުހޯދާ ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާތީ މީގެކުރިން އެހެން ކުންފުންޏެއްވެސް އެއޮތޯރިޓީންވަނީ ޖޫރިމަނާކޮށްފައެވެ.