ޚަބަރު

ފީފާ ވޯލްޑްކަޕް 2026: ސްޕެއިން - ކޭޕް ވާޑް


  • ސްޓޭޑިއަމް: އެޓަލާންޓާ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 21:00

ފީފާ ވޯލްޑް ކަޕުގެ ފަސްވަނަ ދުވަހުގެ މެޗުތައް މިރޭ ފަށާއިރު، އެންމެ ގިނަ ބައެއްގެ ލޯތައް އެ މެޗަކަށް އަމާޒުވެގެންދާނެ މެޗަކަށް ހަމަ ގައިމު ވެސް ވާނީ އެންމެފަހުގެ ޔޫރޯގެ ޗެމްޕިއަން، ފުޓުބޯޅައިގެ ގަދަބާރު ސްޕެއިން އިން، ކޭޕް ވާޑާ ދެކޮޅަށް ނުކުންނަ މެޗެވެ.

މި މެޗު ވެގެންދާނީ ވަކިވަކި ކުޅުންތެރިންނަށް ސަޕޯޓުކުރާ ފަރާތްތަކަށް ވެސް ހާއްސަ މެޗަކަށެވެ. އެގޮތުން މިހާރު ދުނިޔޭގައި ހުރި އެންމެ ވިދުންގަދަ އެއް ތަރި ކަމުގައިވާ ލަމީން ޔަމާލް އަކީ ވެސް ސްޕެއިންއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

ސްޕެއިން

17 ވަނަ ފަހަރަށް ފީފާ ވޯލްޑްކަޕަށް ސްޕެއިން މިރޭ ނިކުންނައިރު, ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުން ސްޕެއިން ކަޓާފައިވާތީ އެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ އެ ހިތްދަތިކަން ނައްތާލުމުގެ ނިޔަތުގައެވެ.

ފުރަތަމަ ފަހަރަށް ތިން ގައުމެއް ގުޅިގެން ފީފާ ވޯލްޑްކަޕް ބާއްވާއިރު, ލުއިސް ޑިލަފުއެންޓޭގެ ސްޕެއިން އިން މި މުބާރާތާއި ކުރިމަތިލަނީ މުބާރާތް ކާމިޔާބުކުރުމުގައި ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ގައުމުތަކުގެ ލިސްޓުގައި އޮވެގެންނެވެ.

2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިން އިން ވަނީ އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

ދެވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރުމަށް ސްޕެއިން އިން ނިކުންނައިރު, މި ފަހަރުގެ މުބާރާތުގެ ކޮލިފައިންގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އަދި ކޮލިފައިންގެ ފަހު މެޗަށް ދިޔައިރު ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް ވޯލްޑްކަޕްގެ ފުރުސަތު ނުގެއްލޭނެކަން ސްޕެއިން އިން ވަނީ ކަށަވަރުކޮށްފައެވެ.

2022 ވަނަ އަހަރު ސްޕެއިންގެ ކޯޗު ކަމާ ހަވާލުވި ލުއިސް ޑެލަފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އިން 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު, 4 ސެޕްޓެމްބަރ 2025 ގެ ފަހުން ސްޕެއިން މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު 7 މެޗުން ވަނީ މޮޅުވެފަ އެވެ. މި ދިހަ މެޗުގައި ޖުމްލަ 28 ލަނޑު ޖަހާފައިވާއިރު, ބައިކޮޅަށް ވަދެފައިވަނީ ޖުމްލަ 5 ލަނޑެވެ.

ސްޕެއިންގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ޒުވާން ފޯވަޑް ލަމީން ޔަމާލް, ނިކޯ ވިލިއަމްސް, ފެރާން ޓޮރޭޒް, ޑެނީ އޮލްމޯ, މާކް ކުކުރެޔާ, ގަވީގެ އިތުރުން ކެޕްޓަން ރޮޑްރީ ހިމެނެ އެވެ.

ޔޫރަޕްގެ ޗެމްޕިއަންގެ ގޮތުގައި މި ފަހަރުގެ ވޯލްޑްކަޕާއި ސްޕެއިން ކުރިމަތިލާއިރު, ލުއިސް ޑިލަފުއެންޓޭގެ ސްކޮޑުގައި ލަލީގާގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާގެ އަށް ކުޅުންތެރިއަކު ހިމެނެއެވެ.

ކޭޕް ވާޑް

1975 ވަނަ އަހަރު މިނިވަންކަން ލިބުމަށްފަހު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެ ގައުމު ތަމްސީލު ކުރަން ފަށާފައިވަނީ 1978 ވަނަ އަހަރު އެވެ. ފީފާ ވޯލްޑްކަޕަށް ކޭޕް ވާޑް ކޮލިފައިވެފައި މިވަނީ ފުރަތަމަ ފަހަރަށެވެ.

ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑް މި ފަހަރުގެ ވޯލްޑްކަޕުން ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގެ އެފްރިކާ ބައްރުގެ ގްރޫޕް ޑީ ގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ 2 މެޗު އެއްވަރުކޮށް އެފްރިކާގެ ގަދަފަދަ ކެމަރޫން ދެވަނަ އަށް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ފީފާ ވޯލްޑްކަޕަށް އަލަށް ކޮލިފައިވި ނަމަވެސް އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުން ކޭޕް ވާޑް ވަނީ 2013 ވަނަ އަހަރާއި 2023 ވަނަ އަހަރު ފުރުސަތު ހޯދާފަ އެވެ.

2020 ވަނަ އަހަރު ކޭޕް ވާޑްގެ ކޯޗު ކަމާއި ޕެޑްރޯ ބްރީޓޯ ނުވަތަ ބުޕިސްޓާ ހަވާލުވުމަށްފަހު އޭނާ ވަނީ އެގައުމު ތަމްސީލު ކުރުމުގެ ފުރުސަތު އޮތް އެހެން ގައުމުތަކުގައި ތިބި ކުޅުންތެރިން ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެފަދަ ކުޅުންތެރިންނަށް ޓީމުން ފުރުސަތުވެސް ދީފަ އެވެ.

4 ސެޕްޓެމްބަރ 2025 ގެ ފަހުން ކޭޕް ވާޑް އިން މިހާތަނަށް ޖުމްލަ 10 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ބަލިވެފައިވަނީ މި އަހަރުގެ މާޗް މަހު ޗިލީ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ވޯލްޑްކަޕްގެ ކުރިން ކޭޕް ވާޑް ވަނީ ސާބިޔާ އަދި ބާރމިއުޑާއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

ކޭޕް ވާޑްގެ ވޯލްޑްކަޕްގެ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންނަކީ އެހެނިހެން ގައުމުތަކުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ކޭޕް ވާޑްއިން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ރަޔާން މެންޑޭސް ފާހަގަކޮށްލެވެ އެވެ.