ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކުރެސާއޮ އަތުން ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް ހިތްހަމަ ޖައްސާލެވެން ނެތް ކަމަށާއި ކުރިއަށް ހުރިމެޗްތައް މާއުނދަގޫވާނެކަމަށް ޖަރުމަނުވިލާތުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް އީ ގައި ކުރެސާއޮ އާއި ބައްދަލުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަމުންނެވެ.
މިމެޗު ޖަރުމަނުން ކާމިޔާބު ކޮށްފައިވަނީ 7 ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ނާގެލްސްމަން ހާމަކުރިގޮތުގައި ކުރެސާއޮ އާއި ބައްދަލުކުރި މެޗުގައި މޮޅަށް ކުޅެ ހޯދުނު ނަތީޖާއިން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި މިއީ މިފަދަ މުބާރާތެއްގައި ކުރިއަށްދާން ބަލާއިރު ވަރަށް މުހިންމު ކަމެއްގެގޮތުގައި ނާގެލްސްމަން ފާހަގަ ކުރިއެވެ.
ނާގެލްސްމަން ބުނީ ކުރެސާއޮގެ ފަރާތުން މިމެޗުގައި ފެނިގެންދިޔައީ އޭނާ ހީކުރިވަރަށް ވުރެ މާރަނގަޅު ކުޅުމެއް ކަމަށެވެ. އަދި އެޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބިކަން ފާހަގަ ކުރަމުން ނާގެލްސްމަންވަނީ އެޓީމުގެ ތަޖްރިބާކާރު ކޯޗު ޑިކް އެޑްވޮކާޓްއަށް ތައުރީފްކޮށްފައެވެ.
ޖަރުމަނު ކޯޗު ހާމަކުރިގޮތުގައި މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއި މެޗު ހިތްހަމަ ޖެހޭކަމަށެވެ. މިގޮތުން މެޗުގެ ބޮޑު ބައި ހާއްސަކޮށް ދެވަނަ ހާފު އެޓީމުން ކޮންޓްރޯލް ކޮސްގެން ކުޅުމުގެ އިތުރުން ގިނަ ކުޅުންތެރިންތަކެއްގެ ފަރާތުން ގިނަ ލަނޑުތަކެއް ފެނިގެންދިޔަން އޭނާ ފާހަގަ ކުރިއެވެ.
ނާގެލްސްމަން ހާމަކުރިގޮތުގައި މިގްރޫޕްގައި ދެން އޮތް ދެމެޗު މާވަރުގަދަވެފައި އުނދަގޫ ވާނެކަމަށާއި އެހެން ކަމުން ފުރަތަމަ މެޗުގެ ނަތީޖާއިން ހިތްހަމަ ޖައްސާލާ ފަސޭހަ ކުރެވެން ނޯންނާނެއެވެ. އަދި އެދެޓީމުގައި ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މިމުބާރާތުގައި ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ކުރިއަށްދެވިއްޖެނަމަ ދިމާވާ ޓީމުތައް ވަރުގަދަ ވާނެކަން އޭނާ ފާހަގަ ކުރިއެވެ.