ޚަބަރު

ފިނޭގައި ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފި


  • މިއީ 2.20 މިލިޔަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެއް

ހދ. ފިނޭގައި އަލަށް ތަރައްޤީކުރި ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ.

މިއަދު ފިނޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި އެމްޓީސީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ސިނާން ޢަލީ އާއި ފިނޭ ކައުންސިލް ރައީސް ޢަބްދުލް ލަތީފް ޢަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފިނޭގެ ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތާއި ފުރާޅު ހަރުކުރުމާއި ސީލިންގ ހަރުކުރުމާއި އަދި ކަރަންޓު ވަޔަރިންގެ މަސައްކަތްތައް ވަނީ ކޮށްފައެވެ. އަދި ދަވާދު ލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ވަށާ ފާރު ރޭނުމާއި، ފިލާ އަދި ދަގަނޑު މަސައްކަތްވެސް ހިމެނެއެވެ.

މިއީ 2.20 މިލިޔަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.

623 މީހުންގެ އާބާދީއެއް ދިރިއުޅޭ ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރެވިގެން ދިއުމާއެކު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ. އަދި މިއީ ރަށުގައި އަމާން ވެއްޓެއް ކަށަވަރުކުރުމަށްޓަކައި ލިބޭ ބޮޑު ކުރިއެރުމެއްކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވޭތުވެދިޔަ 45 އަހަރުތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ.