ކުޅިވަރު

ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!


ޕޯޗުގަލްގައި މޮޅު ކުޅުންތެރިން ތިއްބަސް ވޯލްޑް ކަޕުގެ ތަށި ހޯދިދާނެ ކަމަށް ބުނަން އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އެމެރިކާ އަށް މުބާރާތް ކުޅެން ދިއުމަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ޓީމުގެ ތައްޔާރުވުންތައް ރަނގަޅު ކަމަށެވެ.

"އަހަރުމެން މިވަނީ ތައްޔާރުވެފައި. އަހަރުމެން މިތބީ ވަރަށް ވަރުބަލިވެފައި ވެސްމެ. އަހަރުމެން ތައްޓަށް ވާދަކުރާނެ ކަމަށް ބުނާކަށް ނޭނގެ. އެކަން އެނގޭނީ މުބާރާތް ނިމުމުން،" ރޮނާލްޑޯ ބުންޏެވެ.

ގައުމީ ޓީމަށް މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދާނެ 40 އަހަރުން މަތީގެ ހަތް ކުޅުންތެރިންގެ ތެރެއިން އެކެކެވެ.

"އަހަރެން ފިޓް. އަހަރެން މިހުރީ ތައްޔާރަށް. މުބާރާތް ކުޅެން މިހުރީ ވަރަށް ފޯރީގައި. އަހަރުމެންގެ ޓީމު ވެސް އޮތީ އެފަދަ ރޫހެއްގައި. ވޯލްޑް ކަޕަކީ އަބަދުވެސް ވަރަށް ހާއްސަ މުބާރާތެއް،" ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ ކުޅުންތެރުޔާ ބުނީ ޕޯޗުގަލްގައި މިހާރު އޮތް ޖީލަކީ ގައުމަށް ވަރަށް ގިނަ އުފާވެރިކަން ހޯދައިދެވިދާނެ ޓީމެއް ކަމަށެވެ.

"އަހަރެން ގަބޫލު ކުރަނީ މި ޖީލުގެ ކުޅުންތެރިން އެހެން ހުރިހާ ޖީލަކަށްވުރެ މޮޅު ކަމަށް. މި ކުޅުންތެރިންނަށް ގައުމަށް ވަރަށް ގިނަ އުފާތައް ހޯދައިދެވިދާނެ. އެންމެ މުހިންމު ކަމަކީ ރަނގަޅަށް މުބާރާތް ފެށުން. ޖޫން 17 ވަނަ ދުވަހު ބޯޅަ ދައުރު ކޮށްލާއިރު އަހަރުމެން ޖެހޭނީ ރަނގަޅު ތައްޔާރުވެ ތިބެ މޮޅުވާން. މި މުބާރާތުގައި ވިސްނަން ޖެހޭނީ މެޗަކަށް ފަހު މެޗަކަށް. އިތުބާރު ހޯދަމުން ފޯރި ނަގަމުން ދާން ޖެހޭނީ. ތަށި ލިބުމުގައި ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެ. އަހަރުމެން ޖެހޭނީ މިކަންކަމާ ކުރިމަތިލައިގެން ކުރިއަށްދާން. އަހަރުމެން މެޗަށްފަހު މެޗެއްގައި ވިސްނައިގެން ކުރިއަށް ގޮސްފިނަމަ ކާމިޔާބު ހޯދޭނެ ކަމާމެދު އަހަރެންގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް،" ރޮނާލްޑޯ ބުންޏެވެ. މ

މި ފަހަރުގެ މުބާރާތަކީ އުމުރުން 41 އަހަރުގެ ފޯވަޑް ކުޅޭ ހަ ވަނަ ވޯލްޑް ކަޕެވެ. މިއީ ވެސް ރެކޯޑެވެ.