ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް 1.6 މިލިޔަން މީހުން ހޯދައިފި


  • މިޚިދުމަތް އެންމެ ގިނައިން ހޯދަނީ ޒޯން 1އިން

  • ޚިދުމަތް ނުފެށި އޮތީ 5 އަތޮޅުގައި

އާރްޓީއެލް ފެރީގެ ޚިދުމަތް މިހާތަނަށް 1.6 މިލިޔަން މީހުން ހޯދާފައިވާކަމަށް އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިފަހުން މިހާރުވަނީ 4 އަހަރުވެފައެވެ. އާރްޓީއެލްގެ ޚިދުމަތް މިހާރު ދެމުންދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ ހައި ސްޕީޑް ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތެވެ.

ޓްރޭޑް ޑެސްކް ވިތް އަނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރުގެ ނައިބު އިބްރާހިމް ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީ ދަތުރުފަތުރުގެ ނިޒާމުގެ ތަފާސްހިސާބުތައް ބަލަމުން އަންނަކަމަށާ ގާތްގަނޑަކަށް 1.6 މިލިއަން މީހުން މިހާރުވަނީ އާރްޓީއެލުން ދަތުރުކޮށްފަ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅަށް ސްޓެޓިސްޓިކް ބަލަހައްޓަން އާރްޓީއެލްގެ ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތުތަކާ އަދަދުތަކާ ކޮން ޒޯން ތަކަކުން ތޯ އެންމެ ގިނައިން ދަތުރުކުރަނީ އަދި ދަތުރު ކުރާ ޕެޓާން ތައް ވަރަށް ރަނގަޅަށް ބަލަން ، އެގޮތުން މިހާތަނަށް މި ވޭތިވެދިޔަ 4 އަހަރު ގާތްގަނޑަކަށް 1.6 މިލިއަން ދަތުރުވެރިން ޚިދުމަތް ހޯދައިފި" ޔާސިރު ވިދާޅުވިއެވެ.

ޔާސިރު އިތުރަށް ވިދާޅުވީ އާރްޓީއެލްގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނައިން ދަތުރުކޮށަފއިވަނީ ޒޯން 1 ހިމެނޭ ހއ، ހދ، ށ އަތޮޅުގެ ރަށްތަކުން ކަމަށެވެ. އެ ސަރަހައްދުން ކޮންމެ ދުވަހަކު 1000 މީހުން ދަތުރުކުރާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އާރްޓީއެލްގެ ޙިދުމަތް މިހާތަނަށް އެންމެ ފުރިހަމަޔަށް ޤާއިމުކުރެވިފައިވަނީ ވެސް އެ ޒޯނުގައި ކަމަށް ޔާސިރު ވަނީ ފާހަގަކުރަށްވާފައެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތަކީ އާންމު ދަތުރުފަތުރާއި، ޞިއްޙީ ޚިދުމަތް ފަދަ ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ޚާއްޞަކޮށް، އަތްފޯރާފަށުގައި އަގުތައް ހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ފުރަތަމަ އާރްޓީއެލްގެ ޙިދުމަތް 3 އަތޮޅެއްގައި ފެށިގެން ދިޔަނަމަވެސް މިހާރް މި ޙިދުމަތް ވަނީ 15 އަތޮޅަށް ފުޅާވެފައެވެ އަދި މި ޙިދުމަތް މިހާރު ނުފެށި އޮތީ 5 އަތޮޅުގައިކަން ފާހަގަ ކުރަށްވަމުން ޔާސިރު ވިދާޅުވީ މިމަހުގެ ތެރޭގައި މ. އަތޮޅުގައި މިޚިދުމަތް ފަށާނެކަމަށެވެ. މ. އަތޮޅުގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. މި އަތޮޅުތަކުގައިވެސް މި ޙިދުމަތް ފެށުމަށް ރައީސް ދެއްވާފައިވާ ގައިޑްލައިން އާއި އެއްގޮތައް މަސައްކަތް ކުރަމުންދާކަމަށް ޕީއެސްއެމްއަަށް ދެއްވި މައުލޫމާތުގައި ޔާސިރު ފާހަގަކުރެއްވިއެވެ.

މ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ މި ނިޒާމުން ގުޅާލުމަށެވެ.