ޚަބަރު

ސޯޝަލް މީޑިއާގެ ނުރައްކަލުން ކުދިން ރައްކާތެރިކުރަން ބެލެނިވެރިން ތައްޔާރު؟


  • 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމަށްވަނީ ނިންމާފައި

  • ކުދިންގެ އަޚުލާގަށް ނޭދެވޭ އެތައް ބަދަލެއް އާދޭ

  • ނަފްސާނީ އަދި ޖިސްމާނީ އެތައް ނުރައްކަލަކަށް ކުދިން ހުށައެޅޭ

  • ކުށުގެ ވެއްޓަށް ކުދިން ގެންދިޔުމުގެ މަގު ބައެއް ސޯޝަލް މީޑިއާ އެޕްތަކުން ފަހިވެފައިއޮވޭ

ސޯޝަލް މީޑިއާއަކީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެކި ތަންތަނުގައި ތިބޭ މީހުން ގުޅުވާލަދީ، ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގެ އަނދިރިފަރާތަކީ އޭގެ ނުރައްކާ އިންތިހާއަށް އޮތްކަމެކެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާތީ މިހާރުވަނީ އެކަމަށް ފިޔަވަޅު އަޅަންޖެހިފައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ރާއްޖެއިންވެސްވަނީ މިކަމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރުކުރާކަން ފަހުގެ ދިރާސާތަކުންވަނީ ހާމަވެފައެވެ. އެގޮތުން ކުއްޖާގެ ޢުމުރާ ނުގުޅޭ މަޢުލޫމާތަށް ހުށައެޅުމާއި، ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަވުމާއި، ހަނގާގެ ޝިކާރައަކަށްވުމާއި، ޖިންސީ ފުރައްސާރައަށް ހުށައެޅުމާއި، ސޯޝަލް މީޑިއާގެ މަންސަތަކުގައި ހިނގާ ބަދުއަޚުލާޤީ އެކިއެކި ކަންކަމަށް ކުދިން ހުށައެޅުމުގެ ސަބަބުން އަޚުލާގަށާއި އުޅުމަށް ބަދަލު އައިސް ނަފްސާނީ އެކި ބަލިތަކަށް ކުދިން ހުށައެޅިގެންދެއެވެ.

މީގެ ސަބަބުން ކުޑަކުދިންގެ މެދުގައި ހިތާމަވެރި އެކި ހާދިސާތައް ހިނގާ މިންވަރު އިތުރުވެފައިވުމާއެކު ސަރުކާރުން މިހާރުވަނީ މިކަމަށް ހައްލެއް ގެނައުމަށް އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ހަނގާކުރުމަކީ ޖިނާޢީ ކުށަކަށް ހެދުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު ސަރުކާރުންވަނީ ވަކި ޢުމުރަކުން ފެށިގެން ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް މަންސަތައް މަނާކުރުމަށް ނިންމާފައެވެ.

ކުދިންނާ ގުޅުންހުރި ކަންބޮޑުވާކަމަކަށްވާއިރު މިކަމުގައި ބެލެނިވެރިންގެ ވިސްނުން މުހިއްމެވެ. ޕީއެސްއެމްނިއުސްއާ ވާހަކަދެއްކި ބެލެނިވެރިން ފާހަގަކުރިގޮތުގައި މީގެ ސަބަބުން އޮންލައިންކޮށް ކުދިންނަށް ކުރިމަތިވަމުންދާ ނުރައްކަލަށް ހައްލެއް އަންނާނެއެވެ.

"ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންވެސް ހުއްޓުވަން ބޭނުންވާކަމެއް މިއީ. އެހެން ޤައުމުތަކުގައި އަޅަމުންދާ ފިޔަވަޅުތައް ހަމަ އަޅަންވީ." ބެލެނިވެރިއަކު ބުންޏެވެ.

"ކުދިންނަށް ވަރަށް ނޭދެވޭ އަސަރުކުރާކަމެއް މިއީ. އަޅުގަނޑު ތާއީދުކުރަން ސަރުކާރުން އެކުރާކަމަށް. ކުދިންގެ އަޚުލާގަށް މިކުރާ އަސަރުތަކުން ސަލާމަތްވާނެތީ. " އެހެން ބެލެނިވެރިއަކު ބުންޏެވެ.

"ވަރަށް ގިނަ ކުދިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުށުގެ ވެއްޓަށް ދިޔުމަށް މަގުފަހިވޭ، ވަރަށް ރަނގަޅުކަމެއް މިއީ." ބެލެނިވެރިއަކު ބުންޏެވެ.

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް މަނާކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ. ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި މިކަން ތަންފީޒުކުރަމުންދާއިރު ބައެއް ޤައުމުތަކުގައި ބައެއް އެޕްލިކޭޝަންތައް ބޭނުންކުރުން އެއްކޮށްވެސް މަނާކޮށްފައިވެއެވެ.

ސޯޝަލް މީޑިއާއަށް ދެވިހިފުން އާންމުވެފައިވާއިރު މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންގެވެސް ޒާތީ ދިރިއުޅުމަށް އަސަރުކުރާ ނޭދެވޭ ކަމެކެވެ. އޭގެ ސަބަބުން އުފެއްދުންތެރި ވަގުތު ގެއްލި ދިޔުމާއި، ސިކުނޑިއަށް ބަދަލުތަކެއް އައިސް، ވިސްނުމުގެ ޤާބިލުކަން ކުޑަވުން ފަދަ ކަންކަން ދިރާސާތަކުގެ އަލީގައިވަނީ ހާމަވެފައެވެ. އެހެންކަމުން ސޯޝަލް މީޑިއާގެ ނުރައްކަލުން ސަލާމަތްވުމަށް މުޅި މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި މިއަދުމިވަނީ މަސައްކަތްކުރަންޖެހިފައެވެ.