ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް 6 އަތޮޅެއްގެ ރަށު ކައުންސިލުތައް އަހުލުވެރިކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮގްރާމް ފަށާފައިވަނީ، މިއަދު ހެނދުނު ޝީބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޔޫސުފް ސިދުޤީއެވެ.
މިރަސްމިއްޔާތުގައި މި ޕްރޮގްރާމުގައި ހިމެނޭ 6 އަތޮޅުގެ ރަށު ކައުންސިލުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ސިލްސިލާ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ބ، ޅ، ކ، އއ، އދ އަދި ވ.އަތޮޅުގެ ރަށު ކައުންސިލްތަކަށް ކަމަށެވެ. އަދި މިއީ ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި, އާންމުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ޢިމާރާތްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ރަށު ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށާއި، މީގެ ސަބަބުން ރަށްރަށުގައި ކުރިޔަށްގެންދާ ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ޤާނޫނީ އިމުގެ ތެރެއިން ހަރުދަނާކަމާއެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސެޝަންތަކުގައި ޢިމާރާތް ކުރުމުގެ ހުއްދަތައް ނެގުމާއި، ކުރެހުން ފާސްކުރުމާއި، މަޝްރޫޢުތަކަށް ލައިސަންސް ދިނުމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ދޭނެ ކަމަށެވެ. މީގެ އިތުރުން ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި، އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާއިދާއި، ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ޤަވާއިދާއި، އެޤަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި، ހުއްދަތައް ދޫކުރާނެ ގޮތާއި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތަކާއި، ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ މައުލޫމާތު ދޭނެ ކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.
އިމާރާތް ކުރުމުގެ ޤާނޫނުގެ އެންމެ މުހިންމު އެއް މަޤުސަދަކީ، އިމާރާތްކުރުމުގެ މަސައްކަތްތައް އަމާންކަމާއި ރައްކާތެރިކަމާއެކު، ވަކި ފެންވަރެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. ހަމައެއާއެކު، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާތަކާއި، ޙައްޤުތައް ސާފުކޮށް ކަނޑައަޅައި، އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ބިލްޑިންގ ކޯޑު އެކުލަވައިލުމަކީވެސް މި ޤާނޫނުން ލާޒިމުކުރާ މުހިންމު ކަމެކެވެ.