ޚަބަރު

ނިމުނު ހަފުތާ: ކްރެޑިޓް ރޭޓިން މަތިވެ، ބައިނަލްއަޤުވާމީ ބޮޑެތި ކާމިޔާބީތަކެއް


  • ފިޗުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށްފައި

  • އިކޮސޮކްގެ މެމްބަރުކަމަށް ރާއްޖެ އިންތިޚާބުވުން

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (ޖޫން 4) އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ 1965 ވަނަ އަހަރު ދިވެހިރާއްޖެ އިން އ.ދ. ގެ މެމްބަރަކަށް ވުމަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މިނޭމީ 31 ޑިސެމްބަރު 2029 ގައެވެ. މި އިންތިޚާބުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިޚާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.

(ޖޫން 2) އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އދގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި މިމަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވީ، އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ.

(ޖޫން 1) ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތައް:

- ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވުން
- ބީއެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވުން
- އަމިއްލަ އެއްވެސް ދަތުރެއް ސަރުކާރުގެ ޚަރަދުގައި ކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވުން

(މޭ 31) ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ބިލަކީ، 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

(މޭ 31) މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެވީ އާދީއްތަ ދުވަހުއެވެ. މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

(ޖޫން 1) ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިޚާބު ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

ޞިއްޙީ ދާއިރާ:

ޞިއްޙީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (މޭ 30) ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ނިންމާފައިވާކަން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގެ ސަބަބުން ފުރާނައަށް ގެއްލުންވުން ދުރުކޮށްދޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. (ޖޫން 2) ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ.

(މޭ 31) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ދިން މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

(މޭ 31) ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން މަދު ކުރުމަށް 5 އަހަރުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުން އިފްތިތާޙްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ކެމްޕެއިން އިފްތިތާޙްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައެވެ.

(މޭ 31) ރާއްޖޭގައި ފުރަތަމަ ފަހަރަށް "ނެނޯ ނީޑަލް" ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލާ އަދި ފަރުވާ ދިނުމަށް ކުރެވޭ ސާޖަރީތައް ކުރަން ފަށާފައިވަނީ ނިމުނު ހަފުތާގައެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި ޚިދުމަތެއްކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

(ޖޫން 1) މާލޭގައި ހަދާ ދެވަނަ އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ތަރައްޤީ ކުރުމަށް ދަމަނަވެށި ވަގުތީގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ޚިދުމަތްތައް މާފަންނު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ބަދަލުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މާލޭގެ އިތުރުން ހުޅުމާލެއިންވެސް މި ޚިދުމަތް ލިބޭނެ ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ވިޔަފާރީގެ ދާއިރާ

(ޖޫން 3) ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކުރީ މިދިޔަ ބުދަ ދުވަހުއެވެ. ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރަށް ގެނެވޭ ތަރައްގީއާއެކު ރާއްޖޭގެ އިގްތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.

(ޖޫން 2) "މާލެ ޓެކްސީ" އެޕް އިފްތިޙުކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. (ޖޫން 2) ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ދަފްތަރުކުރުން އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްގެންދާނީ "ވަން ގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ.

(ޖޫން 4) މި އަހަރުގެ ކުރީކޮޅުން ފެށިގެން، މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުން ލަސްވުމުގެ ސަަބަބުން، ކޮލަމްބޯ ޕޯޓުން މުދާ ގެންނަން ދިމާވި ދަތިތައް މިހާރު ހައްލުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެހެނިހެން ދާއިރާ

(މޭ 30) ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތް ފެށުނުތާ ފަޚުރުވެރި 70 އަހަރު ފުރުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ އަދި އިޖުތިމާޢީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބިންގަލަކީ، ކުޑަކުދިންނާއި ޒުވާނުން ބިނާކުރުމަށް ފެށި ސްކައުޓް ހަރަކާތެވެ.

(ޖޫން 2) ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުވައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވީ ނިމުނު ހަފުތާގެ އަންގާރު ދުވަހުއެވެ. މި ބަދަލު ތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި ގެނެސްފައިވާ ބަދަލުތަކެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

(ޖޫން 3) ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްއަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޖޭއެސްސީގެ ނައިބު ރައީސަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.