ޚަބަރު

ބައިނަލްއަޤުވާމީ މުބާރާތަކުން މި ދަރިވަރުން ހޯދި ކާމިޔާބީ ތާރީޚުގެ ތެރެއަށް!


  • ތިން އުމުރުފުރާއިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހި ދަރިވަރުން

  • މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރު

ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" މުބާރާތުން ދިވެހި ދަރިވަރުން ރަން ވަނަތަކެއް ޙާޞިލުކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތާރީޚުން ޖާގަ ހޯދައިފިއެވެ.

'މެތްސް ތްރޫ ސްޓޯރީޒް.އޯގް' އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ފަޚުރުވެރި ވަނަތައް އެއް ޤައުމަކުން ހާސިލުކުރި ފުރަތަމަ ފަހަރެވެ.

ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް މުބާރާތަކީ، ހިސާބު ޢިލްމު އުނގަންނައިދިނުމުގައި އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީޢާއިން ހިސާބުގެ ތަޞައްވުރުތައް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ. 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ޤައުމުން 7,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ 34 ޤައުމަކުން ދަރިވަރުން ވާދަކުރިއިރު، ރާއްޖެއިން 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. މިއާއެކު، މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ނިސްބަތުން އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ޤައުމުގެ ޝަރަފުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދިވެހި ދަރިވަރުންގެ ހުރި ޤާބިލުކަން ހާމަކޮށްދިން ކަމެކެވެ.

މި ކާމިޔާބީގެ ފަހަތުގައި ތަޢުލީމީ ވުޒާރާއާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫއިން ގުޅިގެން ކުރި މަސައްކަތްތައް ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، އެމްއެންޔޫ އާއި އެންއައިއީ ގުޅިގެން މުދައްރިސުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމްތަކަކީ މި ކާމިޔާބީގެ މުހިންމު ބިންގަލެކެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން، ވާހަކަ ކިޔައިދިނުމުގެ ތެރެއިން ހިސާބު ޢިލްމު އުނގަންނައިދެވޭނެ އުފެއްދުންތެރި ގޮތްތަކަށް މުދައްރިސުން ވަނީ އަހުލުވެރިކުރުވާފައެވެ.

މީގެ އިތުރުން، މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުގެ ބާނީ ޑރ. ނަތަޕޮޖް ވިންސެންޓް ޓްރަކުލްފަޑެޓްކްރައި ވަނީ ދިވެހިރާއްޖޭގެ މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ ތަމްރީނުތައް ފޯރުކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ތަމްރީނުތަކުގެ ސަބަބުން ދަރިވަރުންނަށް ބައިނަލްއަޤުވާމީ މައިދާނުގައި ފައިތިލަސާބިތު ކުރެވޭނެ ފަދަ ފަހި މާޙައުލެއް ވަނީ ޤާއިމުވެފައެވެ.

މި ތާރީޚީ ކާމިޔާބީން ހާމަކޮށްދެނީ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ވާދަކޮށް، އެއަށްވުރެ ކުރިއަރައިދެވޭނެ ފެންވަރެއްކަމެވެ. އަދި މިއީ ރާއްޖޭގެ ހިސާބު ޢިލްމު ކިޔަވައިދިނުމުގެ އުފެއްދުންތެރިކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެއްގެ ގޮތުގައި މުޅި ޤައުމުން ދަނީ ފާހަގަކުރަމުންނެވެ.