ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު މިމަހުގެ 12ވާ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މާލޭގެ އިތުރުން ރަށްރަށަށް ޒިޔާރަތްކޮށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކެންޑިޑޭޓު ނަންބަރ: 1، ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކެންޑިޑޭޓް ނަންބަރ 2، އިބްރާހީމް މުޙައްމަދު
ކެންޑިޑޭޓް ނަންބަރ 3، މީކާއީލު އަޙްމަދު ނަސީމް
3 ކެނޑިޑޭޓުން ވާދަކުރެއްބވި ނަމަވެސް ކެމްޕެއިންގެ ފޯރި އެންމެ ބޮޑަށް ފެނިގެންދަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމްގެ މެދުގައެވެ. އެމްޑީޕީގެ މެންބަރުންނާއި ޚާއްސަކޯށް އެމްޑީޕީގެ ވެރިކަމުގައި އިސް މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން އެބަޔަކު ތާއީދުކުރައްވާ ކެނޑިޑޭޓެއް ހާމަކޮށް ދަނީ ކެމްޕެއިން ތަކުގައި ބައިވެރިވަމުންނެވެ. އަދި ރަށްރަށުގައިވެސް ޕާޓީގެ މެންބަރުންގެ މެދުގައި ތާޢީދު ހޯދުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ރައީސް ނަޝީދު މާލޭގެ އިތުރުން ރަށްރަށަށް ވަޑައިގެން ކެމްޕޭނުކުރައްވާއިރު، މެންބަރު މީކާއިލްވެސް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.
އެމްޑީޕީން މިހާރު ވަނީ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ޖުމްލަ 15,928 މެންބަރުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. ޕާޓީން ބުނެފައިވަނީ ވޯޓުލުމާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
އިންތިޚާބުގެ ވޯޓުލުމަށްޓަކައި ޖުމްލަ 241 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ އެކި ދާއިރާތަކަށް ޚާއްޞަ 17 ފޮއްޓަކާއި، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާ 27 ފޮށި ހިމެނެއެވެ. އަދި ރާއްޖޭން ބޭރުގައި، ސްރީލަންކާގެ ކޮލޮންބޯގައިވެސް އެއް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އިންތިޚާބުން އާ ބޭފުޅަކު އިންތިޚާބު ކުރެވެންދެން ވަގުތީ ގޮތުން ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. ޕާޓީގެ އިސް ފަރާތްތަކުން އެ ޕާޓީގެ މެންބަރުންގެ އަދަދު 50,000 އަށް އަރާފައިވާ ކަމަށް ބުނި ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ދަފުތަރުން ދައްކާ ގޮތުގައި އެ ޕާޓީގައި ތިބީ 43,784 މެންބަރުންނެވެ.