ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން އެންމެ ގާތީ ސްޕޭނާއި އިންގްލޭންޑާއި ފްރާންސް ކަމަށް ސްޕޭނުގެ ކޯޗު ލުއިސް ޑެލަފުއެންޓޭ ބުނެފި އެވެ.
އެންމެ ފަހުގެ ޔޫރޯ ސްޕޭނަށް ކާމިޔާބު ކޮށްދިން ކޯޗު ބުނީ ފެވަރިޓޫންގެ ޓެގް އެޅިފައި އޮތުމަކީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ މުބާރާތާ ކުރިމަތިލާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ދެ ކަމަކަށް ވިސްނަން ޖެހޭނެ. އެއީ ފެވަރިޓުންނޭ ބުނާތީވެ އެކަމާ އުފާވެ، ބޮޑާ ވެފައި ނުތިބެން ޖެހޭތީވެ. ދެން އަނެއް ކަމަކީ ފެވަރިޓުންނާ ބުނާތީވެ އެކަމާ ޖެހިލުންވެ، ލަދުރަކިވެފައި ނުވަތަ ބޯޅައިގައި ޖަހާލަން ނޭނގިފައި ތިބެގެން ނުވާނެ،" ކޯޗު ބުންޏެވެ.
"އަހަރުމެންނަކީ ޔަގީނުން ވެސް މުބާރާތުގެ އެއް ފެވްރިޓުން. ހަމަ އެފަދައިން އިންގްލޭންޑާއި ފްރާންސަކީ ވެސް އަހަރުމެން ފަދަ ބައެއް. އެ މީހުންނަށް ފެވަރިޓުންނޭ ބުނަން ޖެހޭނެ. އެއީ ވަރަށް ވަރުގަދަ ދެ ޓީމު،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ސްޕޭނަށް މުބާރާތުގެ ކުރިން އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވީ ނަމަވެސް ވޯލްޑް ކަޕުގައި ހުރިހާ ކުޅުންތެރިން ވެސް ބޭނުން ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މި ގޮތުން ނިކޯ ވިލިއަމްސް އާއި ލަމީން ޔަމާލް ޓީމުގައި ހިމަނާފައިވަނީ އެ ދެ ކުޅުންތެރިން މުބާރާތުގެ ދެ ވަނަ މެޗަށް ފިޓްވާނެ ކަމުގެ ޔަގީންކަން ބޮޑުކަމުން ކަމަށެވެ.
ވޯލްޑް ކަޕުގައި ސްޕޭން ހިމެނެނީ ކޭޕްވާޑޭ އާއި ސައޫދީ އަރަބިއާ އާއި އުރުގުއޭއާއެކު ގްރޫޕް އެޗްގަ އެވެ.