ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި ދެ ޚަރަމްފުޅުގެ ވެރިޔާ ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދުގެ ޚާއްސަ އިސްނެންގެވުމަށް ކުރިއަށްގެންދާ ޙައްޖު ޢުމްރާ ވިޒިޓޭޝަން ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި މުސްލިމުންނަށް ލިބޭ ވަރަށް ޚާއްޞަ ފުރުޞަތެކެވެ.
މިޢީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްގެ ބެލުމުގެ ދަށުން، ސަޢުދީ ސަރުކާރުގެ ޚަރަދުގައި ހިންގާ ބޮޑު މަޝްރޫޢެކެވެ. ސަޢުދީ ރަސްގެފާނުގެ ދީލަތި އެހީފުޅުގައި މި ޕްރޮގްރާމް ފަށާފައިވަނީ 1997 ވަނަ އަހަރެވެ.
1447 ވަނަ އަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް، މި ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ މުސްލިމުންނަށް ސަޢުދީ ސަރުކާރުގެ ފުރިހަމަ ޚަރަދުގައި ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ. މިއަހަރު މި ފުރުޞަތު ލިބުނު ޙައްޖުވެރިން މިހާރު މައްކާއަށް އަންނަން ފަށާފައިވާއިރު، ދިވެހިރާއްޖެއިން 10 ބޭފުޅަކަށް މިއަހަރު މިފުރުޞަތު ވަނީ ލިބިފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން މިއަހަރު ޙައްޖަށް ވަޑައިގެންނެވި ރާއްޖޭގެ މެންބަރުންނަށް މައްކާގައި ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ "ހޮލިޑޭ އިން" ހޮޓަލުގައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޙައްޖުވެރިން މައްކާއަށް އަންނަ ހިސާބުން ފެށިގެން އެނބުރި ޤައުމަށް ދިޔުމާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓަމުންދަނީ އެކަމަށް ޚާއްސަކޮށްފައިވާ ކޮމެޓީއަކުންނެވެ. މި އަހަރުގެ ޕްރޮގްރާމުގެ ތެރެއިން ޙައްޖުގެ އަޅުކަމަށް އެކި ޤައުމުތަކުން އައި މެހެމާނުންނަށް ސަޢުދީ ސަރުކާރުން ވަނީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ.
ބައިވެރިންނަށް ޖިއްދާ އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ހޮޓަލައަށް އައުމުން ހޮޓަލުންވެސް ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.
ދިވެހި ބައިވެރިވެރިން ތިބޭ "ހޮލިޑޭ އިން" ހޮޓަލުގައި ހަމަޖައްސާފައިވާ އިންތިޒާމްތަކަށް ބަލާއިރު، ހެނދުނާއި މެންދުރާއި ރޭގަނޑުގެ ކެއުން ހޮޓަލުގައި ވަނީ ހަމަޖައްސާފައެވެ. އަދި އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ޚާއްސަ ޑެސްކުތަކާއި، ސިމްކާޑު ނެގުމާއި ޓްރާންސްލޭޝަން ފަދަ ޚިދުމަތްތަކަށް ޚާއްސަ ކައުންޓަރުތައް ވަނީ ޤާއިމުކޮށްފައެވެ.
ނަމާދުކުރުމުގެ އިންތިޒާމާއި ދީނީ ދަރުސްތަކާއި ދީނީ މަޢުލޫމާތުތައް ލިބޭނެ އިންތިޒާމުވެސް ވަނީ ހޮޓަލުގައި ހަމަޖައްސާފައެވެ.
ހަމައެހެންމެ ހޮޓަލުން ސީދާ ހަރަމްފުޅަށް ކޮންމެ ވަގުތެއްގައިވެސް ދެވޭނެހެން 24 ގަޑިއިރު ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ޚާއްސަ މެޑިކަލް ޓީމުތަކާއި އެމްބިއުލާންސްގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބެއެވެ.
މި ޕްރޮގްރާމުގެ އިންތިޒާމްތަކާމެދު ވަރަށް ހިތްހަމަޖެހޭކަން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި ބައެއް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
ވަކިން ޚާއްސަކޮށް ސަޢުދީ ސަރުކާރުގެ މެހެމާންދާރީއާއި، ފުރިހަމަ އިންތިޒާމްތައް އުފަލާއެކު ބަލައިގަންނަކަމާއި، މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކާ ސަޢުދީ ރަސްގެފާނަށާއި ސަޢުދީ ސަރުކާރަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މިއީ އިސްލާމީ އުއްމަތުގެ ގުޅުން ބަދަހިކުރުމަށްވެސް ހިތްވަރު ލިބޭ ޕްރޮގްރާމެއްގެ ގޮތުގައި އެމީހުން ސިފަކުރިއެވެ.
"މިއީ އަޅުގަނޑުގެ ޙަޔާތުގައި އައި އެންމެ އުފާވެރި، އެންމެ ރޫޙާނީ ދަތުރު. ސަޢުދީ ސަރުކާރުން ބެހެއްޓެވި ގާތްކަމާއި މެހެމާންދާރީގެ ސަބަބުން އަޅުކަން އަދާކުރުމުގައި އެއްވެސް ތަކުލީފެއް ނެތް. އިންތިޒާމްތައް އެހާވެސް ފުރިހަމަ" މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު ޕާކިސްތާނު ރައްޔިތަކު ބުންޏެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޢުމްރާއާއި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ އިތުރުން ކަޢުބާގެ އުރަކޮޅު (ކިސްވާ) ތައްޔާރުކުރާ ފެކްޓްރީއަށާއި، މަދީނާގެ މަސްޖިދުލް ޤުބާ ފަދަ ތާރީޚީ މިސްކިތްތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ބައިވެރިންނަށް ފަހިކޮށްދެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ކޮންމެ އަހަރަކުވެސް އެތައް މިލިޔަން މުސްލިމުންނެއް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާއިރު، ކަޢުބަތުﷲ ގެފުޅާ ކައިރި ހޮޓާތަކާއި މައްކާގެ އެކި ސަރަޙައްދުތައްވެސް މިވަގުތު ފެނިގެންދަނީ ވަރަށް ބާރު ބޮޑުކޮށެވެ. މިއަހަރުގެ ޙައްޖު މޫސުމަށްވެސް ސަޢުދީ ސަރުކާރުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މަގުތަކުގެ އަމަންއަމާންކަން ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.