ޚަބަރު

މިރެއާއި މާދަމާ ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ


  • މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް

  • ވާރޭވެހި ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި

މިރެއާއި މާދަމާ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމުވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވޭތުވެދިޔަ 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށްފައިވެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑު ކުރެވިފައިވަނީ އއ. އަތޮޅަށެވެ. އެއީ 144 މިލިމީޓަރުގެ ވާރެއެވެ. މިވިއްސާރައިގައި މިރެއާއި މާދަމާ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމުވައި ގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވާރޭވެހި ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭކލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ. އެހެންނަމަވެސް ހޮނިހިރުން ފެށިގެން ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެކަމަށް ވިދާޅުވިއެވެ. އެ އިދާރާއިން ވިދާޅުވީ، މިމަހުގެ 24،23 އަދި 25ވަނަ ދުވަހު ދަތުރުކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށެވެ.

ހުރިހާ ފަރާތްތަކުން ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.