ޚަބަރު

ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް އުފެއްދި އޮފީހުގެ އިސްވެރިއަކަށް ޑރ.މާހިދު


  • މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭ އޮފީހެއް

  • މިއޮފީހުގެ ދަށުން ޝަކުވާ ހުށައެޅުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމުކުރާނެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް، މ. ވެލަގަލި، ޑރ.މުޙައްމަދު މާހިދު ޝަރީފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޢައްޔަންކުރައްވައިފިއެވެ.

ވަޒީރުންގެ ފެންވަރުގައި ޑރ.މުޙައްމަދު މާހިދު ޝަރީފު އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޑރ. މާހިދަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަމަށެވެ. އެގޮތުން، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީކަމާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރކަންވަނީ އަދާކުރައްވާފައެވެ. އަދި މި މަޤާމަށް ޢައްޔަންކުރެއްވުމާ ހަމައަށް ޑރ.މާހިދު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައެވެ. ޑރ.މާހިދުވަނީ ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓަރ މެނޭޖްމަންޓްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ޑރ. މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި އޮފީހެކެވެ.

މިއޮފީސް ޤާއިމުކުރައްވާނެކަން ރައީސްވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ޢިއުލާންކުރައްވާފައެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. އަދި މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.