ޚަބަރު

އަޕްގްރޭޑެއް ގެނައުމަށް ހޮނިހިރު ދުވަހު ފަތިހު ހުޅުމާލޭގެ އިންޖީނުގެ ނިއްވާލަނީ


  • އިންޖީނުގެ ނިއްވާލިޔަސް ކަރަންޓު ކަނޑާ ނުލާނެ

  • އިންޖީނުގެ ނިއްވާލާނީ ފަތިހު 3:00 އިން ހެނދުނު 8:00އަަށް

  • ކޮންޓްރޯލް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް އެއިންޖީނުގެ ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ވިދާޅުވީ، މިއީ މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތަށްޓަކައި ހޮނިހިރު ދުވަހުގެ ފަތިހު 3:00އިން ހެނދުނު 8:00އަށް މިއިންޖީނުގެ ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތާއި ގުޅޭގޮތުން މީޑިއާތަކަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މި އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ޑރ. އަޒުވަރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް ހޮނިހިރު ދުވަހުގެ ފަތިހު ވަގުތު އިޚްތިޔާރު ކުރީ އީދު ބަންދާ ދިމާކޮށް މާލެ ސަރަހައްދުގެ ލޯޑު ކުޑަވާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި މި މަސައްކަތުގައި ރާއްޖެއިން ބޭރުގެ ވާޓްސިލާ އިންޖިނިއަރުންނާއި މާހިރުން އޮންލައިންކޮށް ބައިވެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި 50 މެގަވޮޓުގެ އިންޖީނުގެއަކީ ގްރޭޓަރ މާލެ ސަރަހައްދަށް ސިގްނިފިކެންޓް ކެޕޭސިޓީއެއް. އެހެންކަމުން އަޅުގަނޑުމެން ކޮންމެހެން ޕަވަރލޯޑު ޝަޓްޑައުންކޮށްގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ ދުރާލާ މިދުވަސް އަދި މިވަގުތު ކަނޑައަޅައިގެން މަސައްކަތް މި ކުރިއަށްގެންދަނީ،" ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވީ، އިންޖީނުގެ ނިއްވާލި ނަމަވެސް ހުޅުމާލޭގައި ހުރި ހައިސްޕީޑް އިންޖީނުތަކުން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެ ވަގުތަކީ މާލެ ސަރަހައްދުގެ ޑިމާންޑް 75 މެގަވޮޓުގައި ހުންނާނެ ވަގުތެއް ކަމަށް ލަފާކުރެވޭއިރު، އިންޖީނުގެ ނިއްވާލައިގެންވެސް 90 މެގަވޮޓު އުފެއްދުމުގެ ގާބިލުކަން ހުންނާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، މި މަސައްކަތް ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ޖަހާއިރު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުރިހާ ކަމެއް ތަރުތީބުން ދާނަމަ ކަރަންޓު ކެނޑިދާނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސިސްޓަމުގެ ބޮޑު މަސައްކަތެއް ކުރަމުންދާއިރު އެހެން ޖެންސެޓަކަށް މައްސަލައެއް ދިމާވެއްޖެނަމަ ކަރަންޓު ކެނޑުމުގެ ފުރުސަތެއް އޮތްކަން ނާޝިދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ އެއްވެސް ހާލަތެއްގައި ފަތިހު 3އިން 8އަށް ކަރަންޓު ކަނޑާ ވާހަކައެއް ނޫން. އަޅުގަނޑުމެން އެ ގަޑިން ފެށިގެން މަސައްކަތް ކުރާތީ ޕަވަރ ސިސްޓަމްގެ މިހާބޮޑު މަސަައްކަތެއް ކުރެވެމުންދާއިރު ދެން ހުރި އިންޖީނަކަށް ކަމެއް ދިމާވެއްޖެނަމަ ޑިމާންޑް މެނޭޖުކުރަން ދަތިވެއްޖެނަމަ ކަރަންޓު ކަނޑާލަން ޖެހިދާނެ." ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނާޝިދު ވިދާޅުވިއެވެ.

ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުނުކެނޑި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ގެންނަންޖެހޭ އަޕްގްރޭޑާއެކު އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތަކަށްވާއިރު، މަސައްކަތް ކުރިއަށްދާވަގުތު އާންމުންނަށް ވާނެ ދަތިތަކަށް އެކުންފުނިން ވަނީ މާފަށްއެދިވަޑައިގެންފައެވެ.