ޚަބަރު

"ރިޟުވާންގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން"


  • އެ މީހުން ދޫކޮށްލީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުކަމަށް ވިދާޅުވި

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލާގައި ތުހުމަތުވާ މީހުން ދޫކޮށްލީ ކުރީ ސަރުކާރުން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުންކަމަށް ވިދާޅުވެ ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަމަށެވެ. އެގޮތުން، އެ މީހުންގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާ ދޫކޮށްލީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.