ކުޅިވަރު

ކުރަކާއޯގެ ކޯޗުކަން އަނެއްކާ ވެސް އެޑްވޮކާޓަށް


ވޯލްޑް ކަޕުގައި ކުޅޭ އެންމެ ކުޑަ ގައުމު ކަމަށްވާ ކުރަކާއޯގެ ކޯޗުކަން އަނެއްކާ ވެސް ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓަށް ދޭން ނިންމައިފި އެވެ.

މި ނިންމުން މިއަދުގެ ވަގުތެއްގައި ކުރަކާއޯ ފުޓްބޯޅަ ފުޓްބޯޅަ ފެޑަރޭޝަނުން ރަސްމީކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެޑްވޮކާޓަކީ ދޮޅު ލައްކައެއްހާ މީހުން ދިރިއުޅޭ ނެދަލޭންޑްސްގެ ބެލުމުގެ ދަށުގައި އޮންނަ ގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ކޯޗެވެ. ނަމަވެސް އޭނާ މިދިޔަ ފެބްރުއަރީ މަހު މަގާމު ދޫކޮށްލީ ދަރިފުޅާއި ދޮށީ އަންހެނުން ދަރިފުޅު ބަލިވެ އުޅެތީވެ އާއިލާ އަށް ވަގުތު ދިނުން މުހިންމު ކަމަށް ބުނެފަ އެވެ.

ނަމަވެސް ގާތްގަނޑަށް ދެ މަސް ފަހުން އޭނާ އަށް އަލުން ކޯޗުކަން ދޭން ނިންމި މައިގަނޑު ސަބަބަކީ ކުޅުންތެރިން އެކަމަށް ބޭނުންވުން ކަމަށްވެ އެވެ.

އެޑްވޮކާޓަށް ފަހު ކުރަކާއޯގެ ކޯޗު ކަމާ ހަވާލުވީ އޭނާ ފަދަ ނެދަލޭންޑްގެ ކޯޗެކެވެ. އުމުރުން 63 އަހަރުގެ ފްރެޑް ރުޓެން އެވެ. ނަމަވެސް ދޮޅު މަސް ފަހުން އޭނާ މަގާމުން އިސްތިއުފާދިންކަން ކުރަކާއޯގެ ފުޓްބޯޅަ ފެޑަރެޝަނުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އޭނާއާ ހަވާލާދީ ބުނެފައިވަނީ "ކަންތައްތައް ބަދަލުވެގެންދިޔަ ގޮތުން ހިތާމަ ކުރަން. ޓީމަށް ކާމިޔާބީ އަށް އެދެން،" ކަމަށެވެ.

ކުރަކާއޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވަނީ ރަޓެން މަގާމުން އިސްތިއުފާ ދީފައިވަނީ ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ހަރުދަނާ މަޝްވަރާތަކަށްފަހު ޓީމުގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

ކުޅުންތެރިންނާއި ކުރަކާއޯ ފުޓްބޯޅަ ފެޑަރޭޝަނުން ރުޓެން މަގާމުން ވަކިކޮށް، އަލުން އެޑްވޮކާޓް ގެނައުމަށް މަސައްކަތް ފެށި ސަބަބަކީ މާޗު މަހު ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި އޮސްޓްރޭލިޔާ އާއި ވޯލްޑް ކަޕަށް ކޮލިފައިނުވި ޗައިނާ އަތުން ބަލިވުމުންނެވެ.

މިދިޔަ ނޮވެމްބަރ މަހު ކުރަކާއޯ ވޯލްޑްކަޕަށް ކޮލިފައިކޮށްދީފައިވަނީ އެޑްވޮކާޓްގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް އޭނާ މަގާމުން ވަކިވުމަށްފަހު ކުރަކާއޯގެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ މައި ސްޕޮންސަރުންގެ ޕްރެޝަރ ބޮޑުވެފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ކުރަކާއޯ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މުހިންމު ބައެއް މެޗުތަކުގައި އެޑްވޮކާޓް ޓީމަށް އިރުޝާދު ދީފައިވަނީ ވެސް ހޮސްޕިޓަލުގައި ހުރެގެންނެވެ. އެއީ އަންހެނުން އެޑްމިޓްކޮށްފައި އޮތުމުންނެވެ. އެޑްވޮކާޓް އެންމެ ފުރަތަމަ ކުރަކާއޯގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ.

އެޑްވޮކާޓަކީ ތިން ފަހަރެއްގެ މަތީން ނެދަލޭޑްސްގެ ކޯޗުކަމާއި ބެލްޖިއަމް އަދި އިރާގާއި ސާބިއާ އާއި ރަޝިޔާ އަށް ވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ.

ނެދަލޭންޑްސްގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އުމުރުން 78 އަހަރުގެ އެޑްވޮކާޓްގެ އަންހެނުންގެ ސިއްހީ ހާލަތު މިހާރު ރަގަޅުވެފައިވާތީ އޭނާ އެނބުރި އެ މަގާމާއި ހަވާލުވުމަށްވަނީ ނިންމާފަ އެވެ. މި ފަހަރުގެ ވޯލްޑްކަޕްގައި އެޑްވޮކާޓް ބައިވެރިވެއްޖެނަމަ އޭނާ ވެގެންދާނީ މި މުބާރާތުގެ ތާރީޚުގައިވެސް ފެނިގެންދާނެ އެންމެ ދުވަސްވީ ކޯޗަށެވެ.

ވޯލްޑްކަޕްގައި ކުރަކާއޯ ގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 14 ވަނަ ދުވަހު ޖަރުމަން އާއި ދެކޮޅަށް އެމެރިކާގެ ހިއުސްޓަން ގައެވެ.