ސޫރިޔާގެ ކުރީގެ ވެރިކަމުގައި ސިއްރުން ހިންގި ކެމިކަލް ހަތިޔާރު ޕްރޮގްރާމުގެ ތެރެއިން، މިދިޔަ މޭ މަހު ފެނުނު ނުރައްކާތެރި މާއްދާތަކާއި ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް އެ ޤައުމުގެ މިހާރުގެ ސަރުކާރުން ފަށައިފިއެވެ.
މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސޫރިޔާގައި މިފަދަ ނުރައްކާތެރި ހަތިޔާރެއް ނައްތާލި ފުރަތަމަ ފަހަރު ކަމަށް ސޫރިޔާ އަދި އދ. ގެ އޮފިޝަލުން ވަނީ ހާމަކުރައްވާފައެވެ.
ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް އަސަދުގެ ސަރުކާރުން ކެމިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންކުރި ބައެއް ސާމާނާއި، ދާޚިލީ ހަނގުރާމައިގެ ތެރޭގައި ވިހަ ގޭހުގެ ހަމަލާތައް ދިނުމަށް ބޭނުންކުރި މިސައިލްތަކާއި އެހެނިހެން އާލާތްތައް، އެ ޤައުމުގެ އައު ސަރުކާރަށް ފެނިފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން، ނިއުކްލިޔަރ އަދި ކެމިކަލް ހަތިޔާރު ނައްތާލުމާ ބެހޭ އދގެ އިސް މަންދޫބު އިޒުމީ ނަކަމިޓްސޫ ވިދާޅުވީ، 2014ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔު) އިން ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތައިލިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، މޭ މަހު ފެނުނު ތަކެތީގެ އިތުރުން ކެމިކަލް ހަތިޔާރު އުފައްދާ އެހެން މަރުކަޒަކާއި، ވިހަ ގޭސް އުފެއްދުމަށް ބޭނުންކުރާ އައު ކެމިކަލްތަކެއްގެ އިތުރުން ހުސްކޮށްހުރި ކެމިކަލް މިސައިލްތަކެއް ސޫރިޔާގެ އައު ސަރުކާރުން ހޯދާފައިވާ ކަމަށެވެ. އަދި މި ތަކެތި ރައްކާކޮށްފައި ހުރި ދެ ގުދަނެއްގެ ތަފްޞީލު ސޫރިޔާގެ ކަމާބެހޭ އިދާރާތަކުން ޙިއްސާކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ މަހު އޯޕީސީޑަބްލިޔުއިން ސޫރިޔާއަށް ފޮނުވި ޙާއްސަ ޓީމުން ވަނީ، ކެމިކަލް ހަތިޔާރު އެޅުމަށް ބޭނުންކުރާ ހުސް މިސައިލްތަކާއި އެހެނިހެން އާލާތްތައް ނައްތައިލިކަން ކަށަވަރުކޮށްފައެވެ. އޭގެ ތެރޭގައި ވައިގެ މަގުން ހަމަލާ ދިނުމަށް ތައްޔާރުކޮށްފައިވާ 42 ބޮން އެއްކޮށް ނައްތާލުން ހިމެނެއެވެ.
އދއަށް ސޫރިޔާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އިބްރާޙީމް އޯލާބީ ވިދާޅުވީ، މި ނުރައްކާތެރި ހަތިޔާރުތައް ނައްތާލުމުގެ އަމަލީ މަސައްކަތުން ދައްކުވައިދެނީ، މުޅި ސަރަޙައްދާއި ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސޫރިޔާއިން ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
ނަމަވެސް، ޔަހޫދީ ދައުލަތުން ސޫރިޔާގެ ސަރަޙައްދުތަކަށް ދެމުންދާ ޣައިރުޤާނޫނީ ހަމަލާތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އޯލާބީ ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީ ދައުލަތުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ކެމިކަލް ހަތިޔާރުތައް ހޯދައި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް އެޅި، އެ މަސައްކަތުގައި ޙަރަކާތްތެރިވާ ސޫރިޔާގެ ޓީމުތަކުގެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ. އަދި ޔަހޫދީ ދައުލަތުން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތަކަށް ގޮންޖަހައި، ސަރަޙައްދުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާހާ ހިނދަކު، ސަރަޙައްދީ ސަލާމަތްތެރިކަން ފުރިހަމައަށް ޤާއިމުނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ސޫރިޔާގެ ކުރީގެ ސަރުކާރުގެ ކެމިކަލް ހަތިޔާރު ޕްރޮގްރާމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މިއަހަރުގެ ކުރީކޮޅު ސޫރިޔާއިން ވަނީ އަސްކަރީ، ސިޔާސީ އަދި ފަންނީ ދާއިރާގެ އިސް 18 އޮފިޝަލަކު ހައްޔަރުކޮށްފައެވެ.