ޚަބަރު

"ނޭވާހިއްލުމަށްދޭ ފަރުވާއާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރަން ޖެހޭ"


  • އިންހޭލާ ބޭނުންކުރަން ޖެހިލުންވެ ލަދުގަންނަނީ މުޖުތަމަޢު ދެކޭގޮތުގެ ސަބަބުންކަން ފާހަގަކުރެއްވި

  • ނޭވާހިއްލުމަކީ ނޭވާލާން އުނދަގޫވުމެއް ނޫން، އެއީ ފުއްޕާމޭ ދުޅަވެ ކުރިމަތިވާ ޙާލަތެއް

ނޭވާހިއްލުންފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށްދެވޭ ކުއްލި ފަރުވާއިން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާ ގުޅޭ ދުވަހާއި ގުޅިގެން އައިޖީއެމްއެޗްގައިވަނީ ސިމްޕޯޒިއަމްއެއް ބާއްވާފައެވެ. މިސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައިވަނީ ގިނަ ބަޔަކަށް އާންމު އަދި އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ. ނޭވާލާ ހިއްލުމާއި ނޭވާލުމުގެ ނިޒާމާއި ގުޅުންހުރި ގިނަ ބަލިތަކަށް މަގުފަހިކުރުވާ އެއް ސަބަބަކީ، ވެށީގެ ތަޣައްޔަރުވުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަރުވާ ފުޅާވަމުންދާއިރު އަދިވެސް މިދާއިރާއިން ކުރަންޖެހޭ މުހިއްމުކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.

"މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ. ނޭވާ ހިއްލުމާއި ގުޅޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކޮށް، އޯގާތެރި ނަޒަރަކުން ބަލާ، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން އޭގެ ބޭނުން ހިފަންޖެހޭ ކުދިންނާއި މީހުންނަށް ވިސްނައިދޭންވެސް ޖެހޭ." ސާޖިދާ ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ދުނިޔޭގެ އެތައް ސަތޭކަ މިލިޔަން ބަޔަކު ނޭވާލާ ހިއްލުމުގެ ބަލި ތަޙައްމަލުކުރަމުންދާއިރު ދުނިޔޭގެ ނިސްބަތުން ރާއްޖެ އޮތީ 99 ވަނައިގައިކަމަށެވެ. ފަރުވާގެ ނިޒާމުގައި އަދި މުޖުތަމަޢު ހޭލުންތެރިކުރުވުމުގައިވެސް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރިކަން ޑޮކްޓަރވަނީ ފަހަގަކުރައްވާފައެވެ.

"ދުނިޔޭގެ އެހެން ހިސާބުތަކަށް ދިމާވާހެން ރާއްޖެއަށްވެސް ދިމާވާ މައިގަނޑު އެއް މައްސަލަތަކީ، އިންހޭލާ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބާވަތްތަކުގެ ބޭހާއި، ޑޯޒް ލިބުމުގައި ހުރި ގޮންޖެހުން. ބޭނުވާ ވަޞީލަތް ލިބުމުގައި ހުރި ދަތިތަކާއެކު އެޑްމިޓްނުކޮށް ދެވޭނެ އެތައް ފަރުވާއެއް ލަސްވުމުގެ ސަބަބުން އެބަޖެހޭ އެޑްމިޓްކުރާ ހާލަތަށްދޭ." ޑރ. މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިންގެ ހެޑް ނަރސް، ފާތިމަތު ލޫސީ ވިދާޅުވީ، ރާއްޖޭގައި އިންހޭލާ ބޭނުންކުރުމަށް ގިނަ ބަޔަކު ލަދުގަންނަކަމަށެވެ. އެއީ މުޖުތަމަޢު ދެކޭގޮތުގެ ސަބަބުންކަމަށާއި އިންހޭލާ ބޭނުންކުރާ ގިނަ ފަރާތްތަކުންވެސް އިންހޭލާ ބޭނުންކުރަނީ ރަނގަޅަށް ނޫންކަން ފާހަގަކުރެވޭކަމަށެވެ.

"ފަރުވާގައި ބޭނުންކުރާ ބައިނަލްއަޤުވާމީ މިންގަނޑަކީ، 2 އިން 1. އެއީ ފުއްޕާމޭގައި ހުރި ދުޅަކަން ކުޑަކޮށް، ނޭވާ ހިއްލުން ވަގުތުން ރަނގަޅުކުރުމަށްދެވޭ ފަރުވާގެ 2 ބާވަތް ހިމެނިގެންދެވޭ ޑޯޒެއް. ގިނަ މީހުންނަށް އަދިވެސް ނޭނގޭ ނޭވާހިއްލުމަކީ ނޭވާލާން އުނދަގޫވަނީ އެކަނި ނޫންކަން އެއީ ފުއްޕާމޭގައި ހުރި މައްސަލައަކުން ކުރިމަތިވާ ހާލަތެއްކަން." ލޫސީ ވިދާޅުވިއެވެ.

ނޭވާ ހިއްލުމަކީ ރާއްޖޭގައިވެސް އާންމުކަމެއް ނަމަވެސް އެކަން ގިނަ މީހުންނަށް ދެނެނުގަނެވެނީ މުޖުތަމަޢުގައި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުންކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އަދި އިންހޭލާ ބޭނުންކުރަންޖެހޭ ޙާލަތްތަކުގެ އިންހޭލާ ބޭނުންކުރުމަށް ޖެހިލުންވާވުން ހައްލުކޮށް ބައްޔާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އޯގާތެރި މުޖުތަމަޢެއް ބިނާކުރަން އެންމެންވެސް ގުޅިގެން މަސައްކަތްކުރުމަށް ސިއްޙީ ދާއިރާގެ ބޭފުޅުން އިލްތިމާސްކުރައްވައެވެ.

ދުނިޔޭގެ ނޭވާ ހިއްލުމުގެ ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން މިޝިއާރެވެ.