ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރާއި ދެވަނަ ދައުރަށް 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ބަންޑާރަނައިބު ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ޙައްގުތަކާއި މައުލޫމާތު އެއްކުރާ އަދި ޕްރޮސެސް ކުރާ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓް ކުރުމާބެހެ އުސޫލުތައް ކަނޑައަޅާނެ ބިލެއް ކަމަށް ވިދާޅުވިއެވެ.
މި ބިލުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި "މޯލްޑިވްސް 2.0" ގެ ދަށުން ޑިޖިޓައިޒޭޝަނާ ގުޅޭ 3 ބިލެއް މިދައުރުގެ ތެރޭގައި ހުށަހަޅުއްވަން ތައްޔާރުވެފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. މީގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލަކާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ބިލަކާއި ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"މިއީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ކަނޑައަޅައި ދާޚިލީ އަދި ކްރޮސްބޯޑަރ ސެކިއުރިޓީ ތުރެޓުތައް ދެނެގަނެ، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމުތައް އަދި އެކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާނެ ބިލެއް،" ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ ތަޢުލީމުގެ ޤާނޫނަށްވެސް އިސްލާހުތަކެއް ގެންނަންޖެހިފައިވާތީ އެ ބަދަލުތައް ގެނައުމަށް ބިލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ދެ ޤާނޫނެއް ކަމަށްވާ އިމިގްރޭޝަނުގެ ޤާނޫނާއި ފަޅުރަށްތަކާބެހޭ ޤާނޫނަކީ ދުވަސްވެފައިވާ ޤާނޫނުތަކަކަށްވާތީ އެ ޤާނޫނުތަކަށް އިސްލާހުގެނައުމުގެ ބަދަލުގައި އައު ޤާނޫނެއް ހެދުމަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާގުޅޭގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހާއެކު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާހު ކުރުމަށް ބިލެއް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ. މި އިސްލާހަކީ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީން ވަކިކުރާ އިޖުރާއަތް ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތަކެއްކަން އުޝާމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ބިލަކާއި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ޚާއްސަ ޤާނޫނެއް ހެދުމުގެ މަސައްކަތާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންދާގޮތާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާގުޅޭގޮތުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތައް ހުށަހަޅުއްވަން ތައްޔާރުވަމުންދާ ކަމަށްވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.