ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން އިޒްރޭލް ސަސްޕެންޑް ކުރުމަށް ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގޮވާލައިފި އެވެ.
ކެނެޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްގައި ވާހަކަ ދައްކަމުން ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް ވަނީ ވެސްޓް ބޭންކްގެ ކްލަބްތަކަށް އިޒްރޭލުގެ ފުޓްބޯޅަ ލީގުގައި ކުޅުވުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ވެސްޓްބޭންކް އަކީ ފަލަސްތީނުގެ ބައެއް. އަދި ސަރަހައްދުގެ ކްލަބްތަކަށް އިޒްރޭލުގެ ފުޓްބޯޅަ ލީގުގައި ކުޅުވުމަށް ކުރަމުންދާ މަސައްކަތް ފީފާއިން ހުއްޓުވާ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހޭނެ." ރަޖޫބް ވިދާޅުވި އެވެ.
"ވެސްޓް ބޭންކަކީ އިޒްރޭލުގެ ބައެއް ކަމަށް ބުނަމުންދާ ހަމައެކަނި ފަރާތަކީ އިޒްރޭލުގެ މިހާރުގެ ސަރުކާރު. އެކަމަށް ފީފާ އިން އެއްބާރުލުން ދީގެން ނުވާނެ." ރަޖޫބް އިތުރަށް ވިދާޅުވި އެވެ.
މި މައްސަލަ ފަލަސްތީނުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށްވެސް ހުށައަޅާފަ އެވެ. ނަމަވެސް ފީފާ އިން ވަނީ މިކަމާއި ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދާފަ އެވެ.
ފީފާގެ ކޮންގްރެސްގައި ރަޖޫބް ދިން ތަގުރީރަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފަލަސްތީނުގެ އެފްއޭގެ ރައީސް އާއި އިޒްރޭލުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ނައިބް ރައީސް ބާސިމް ޝެއިހް ސުލެއިމާން އާއި ސަލާމް ކުރުވުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރަޖޫބް ވަނީ އޭނާ އިޒްރޭލުގެ މީހަކާއި ސަލާން ނުކުރައްވާނެކަމަށް ވިދާޅުވެ އެކަމަށް އިންކާރުކޮށްފަ އެވެ.