ޚަބަރު

ނިމިނު ހަފުތާ: ގޮނޑި ގެއްލޭ އިސްލާހު ސައްހަ، ޕީސީބީއާއެކު ކުންފުނިތަކަށް ބަދަލުތަކެއް


  • ކުންފުނިތަކުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވޭ

ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. (27 އެޕްރީލް) ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. މިދިޔަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތައް

- ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ވިދާޅުވުން
- ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވުން
- އޮގަސްޓްގެ ނިޔަލަށް ހުރިހާ ސަރަޙައްދެއްގައި އާރުޓީއެލްގެ ޚިދުމަތް ފެށޭނެކަމަށް ވިދާޅުވުން
- ރައީސާ ގުޅުވައި ޙަޤީޤަތާ ޚިލާފު ވާހަކަ ފެތުރި ފަރާތްތަކަށް ދަޢުވާކުރައްވާނެކަމަށް ވިދާޅުވުން
- 21 ދުވަހުން 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަމަށް ރައީސް ވިދާޅުވުން

(އެޕްރީލް 29) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ ބުދަ ދުވަހުއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ ވަޒީރުންނަށް ރުހުންދޭން ފާސްކުރުމާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނެވީ، މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައު 5 ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފައެވެ.

(އެޕްރީލް 28) ޑިޕްލޮމެޓް އޮފް ދަ އިޔަރ 2026ގެ އެވޯޑު ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމަށް ލިބިވަޑައިގަތީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ. ޑިޕްލޮމެޓިކް އޮފް ދަ އިޔަރ ފޯރ އޭޝިއާ އެންޑް އޯޝެނިއާ އެވޯޑަކީ، އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުންދާ އެވޯޑެކެވެ.

(އެޕްރީލް 29) މީޑިއާއަކުން ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ތަކުރާރުކޮށް ޚިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދޭގޮތަށް ގަވާއިދެއް އެކުލަވާލާފައިވަނީ ނިމުނު ހަފުތާގައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދުގެ ނަމުގައި އެކޮމިޝަނުން ވަނީ ގަވާއިދެއް ގެޒެޓްކޮށްފައެވެ.

އެއްވުންތައް ކަވަރކުރުމުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ޚާއްސަ ޙިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލާފައިވަނީވެސް ނިމުނު ހަފުތާގައެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ހުރިހާ މީޑިއާއަކަށް މީޑިއާ ކޮމިޝަނުގެ ދަފްތަރުގައި އަދާހަމަކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފައިވާއިރު، މީގެ ތެރޭގައި އެކި މަންސަތަކުގައި ހިންގާ ނޫސް މަޖައްލާތައް ހިމެނެއެވެ.

(29 އެޕްރީލް) އައު ބޭފުޅަކަށް ފުރުޞަތު ދިނުމުގެގޮތުން ކަމަށް ވިދާޅުވެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަނުކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ނިންމަވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ސިނާން މިގޮތަށް ނިންމަވާފައިވާއިރު ޕީއެންސީން އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ޕާޓީގެ ޓިކެޓްވެސް އޭނާ ވަނީ ކާމިޔާބުކުރައްވާފައެވެ. ޕީއެންސީގެ ޕްރައިމަރީގައި އެ ޕާޓީގެ ޓިކެޓަށް ސިނާނާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ.

(29 އެޕްރީލް) ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ކޯޓުން މިގޮތަށް ޙުކުމް ކޮށްފައިވަނީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަކީ ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މި މައްސަލައިގައި އެމްޑީޕީންވެސް ވަނީ ތަދައްޚުލްވެފައެވެ.

ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީކުރުން

(25 އެޕްރީލް) މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ބެއިޖިންގައި ކުރިއަށްގެންދިޔަ "ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގެ "މިނިޓްސް އޮފް ދަ މީޓިންގ"ގައި މިހާރު ވަނީ ދެޤައުމުން ސޮއިކޮށްފައެވެ.

(އެޕްރީލް 29) ސަރުކާރުން ކުރިއަށްގެންދާ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ" ޚާއްޞަ ސްކީމަށް 3 ވަނަ ކެޓަގަރީއެއް އިތުރުކޮށްފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ބިންވެރިޔާ ސްކީމާ ގުޅޭ އުސޫލަށް އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެޓެގަރީ 3ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ 2 ބަޔަކަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.

ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރެއްވުން

ނިމުނު ހަފުތާގައި ވަނީ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައެވެ. (އެޕްރީލް 26) ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް 4 މެންބަރަކު އައްޔަން ކުރައްވާފައިވަނީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ. ވިޒްޓް މޯލްޑިވްސްގެ ބޯޑަކީ، 9 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ބޯޑަށް އަލަށް އައްޔަންކުރެއްވި 4 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 3 އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. މި ބޭފުޅުން ވީއެމްސީގެ ބޯޑަށް އައްޔަން ކުރައްވާފައިވަނީ، ކުރިން އެ ބޯޑުގައި ތިއްބެވި 3 މެންބަރަކު ވަކިކުރެއްވުމަށްފަހުއެވެ. ވަކިކުރައްވާފައިވަނީ ޢަބްދުލް ސަމީޢު އިމާދުއާއި އާއިޝަތު ޙަމީދު އަދި ސަބީޙާ އަޙްމަދެވެ.

ވީއެމްސީގެ ބޯޑަށް އަލަށް އައްޔަންކުރެއްވި މެމްބަރުން
ހުދާ ފަހީމް: ވިލަރެސް / ކ.ތުލުސްދޫ
ޢާއިޝަތު މަލްހާ: ރަސްވެލި / ރ.ރަސްގެތީމް (އެކައުންޓިން އެންޑް ފައިނޭންސް)
ޢަލީ ޝިނާން: މއ.ރިހިރާޅު
ޢާއިޝަތު ޢަލީ: މ.ވާރޭވިލާ

(އެޕްރީލް 27) ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މުޙައްމަދު އަފީފު ޙުސެއިން އައްޔަންކުރައްވާފައިވަނީ ހޯމަ ދުވަހުއެވެ. (އެޕްރީލް 28) ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ޑރ.އަޒްވަރު އައްޔަންކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ. (އެޕްރީލް 30) އަދި ޕީސީބީ ރައީސްކަމަށް މުޙައްމަދު ނިޒާރު ޢައްޔަންކުރައްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މިފްކޯގެ ސީއީއޯގެ މަޤާމަށް މުޙައްމަދު އަނަސް އައްޔަނުކުރައްވާފައިވާފައިވަނީވެސް ހަމަ ބުރާސްފަތި ދުވަހުއެވެ.

ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ދައުލަތުގެ އެކި އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރކުރައްވައިފައިވަނީވެސް ބުރާސްފަތި ދުވަހުއެވެ. މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރ ކުރެއްވިއިރު އެނާ ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯގެ މަޤާމުގައެވެ. ސީއެމްޑީއޭގެ އިތުރުން ދައުލަތުގެ މާލީ ދައިރާގެ އެކި މަޤާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މަޤާމުތައް އޭނާ ވަނީ ފުރުއްވާފައެވެ.

އެހެނިހެން ދާއިރާތައް

(29 އެޕްރީލް) ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ، ދިވެހިރާއްޖެއާއި އަޒަރުބައިޖާން އާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން ނުވަދިހަ ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެއެވެ.