ޚަބަރު

ހަމަލާތައް ފަށައިފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި


އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތް ނަމަވެސް، އަލުން ޙަމަލާތައް ފަށައިިފި ނަމަ، އެމެރިކާގެ އަމާޒުތަކަށް "ދިގުދެމިގެންދާ އަދި ވަރުގަދަ" ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދެ މަސްދުވަހަށް ދެމިގެން ގޮސްފައިވާއިރު، ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ތެލުގެ އަގު 126 އެމެރިކާ ޑޮލަރަށް އުފުލި، ބައިނަލްއަޤުވާމީ އިޤުތިޞާދީ ހީނަރުކަމެއްގެ ބިރު ބޮޑުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ނިމުމުން ތެލުގެ އަގު ވެއްޓިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އެޕްރީލު 8 އިން ފެށިގެން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލާފައި އޮތް ނަމަވެސް، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ޙިޞާރުގެ ރައްދުގައި އީރާނުން ދަނީ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސް އަޅަމުންނެވެ. މި ދަނޑިވަޅުގައި، އީރާނަށް މަޖުބޫރުކުރުވުމަށް ދޭނެ އައު ޙަމަލާތަކަކާ ގުޅޭ ރޭވުމެއް އެޕްރީލު 30 ގައި ޓްރަމްޕަށް ހުށަހެޅުމަށް ހަމަޖެހިފައި އޮތް ކަމުގައި އެމެރިކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ދެ ފަރާތުގެ ދެެމެދުގައި ސުލްޙައިގެ މަޝްވަރާތައް ފަށާފައިވީ ނަމަވެސް، އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވީ، ވާހަކަތަކުން އަވަސް ނަތީޖާއެއް ފެނުމަކީ ޙަޤީޤަތާ ދުރު ކަމެއް ކަމުގައެވެ. އަދި އީރާނުގެ ވެރިރަށުން އެޕްރީލު 30 ގައި ވައިގެ ދިފާޢީ ނިޒާމު ބޭނުންކުރާ އަޑުތައް އިވިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އީރާނުގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީ ވަނީ ކަނޑުއޮޅީގެ މައްޗަށް އޮތް ބާރުވެރިކަން ދޫކޮށްނުލައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި، އީރާންގެ އެރޯސްޕޭސް ފޯސްގެ ކޮމާންޑަރު މަޖީދު މޫސަވީ ވަނީ އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެކުވެރި ޢަރަބި ޢިމާރާތުން (ޔޫއޭއީ) ވަނީ އެ ޤައުމުގެ ރައްޔިތުން އީރާނާއި ލުބްނާނުން ފޭބުމަށް އަންގާފައެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، ލުބްނާނަށް ދޭ ޙަމަލާތައް ހުއްޓުވުމަކީ ކޮންމެ އެއްބަސްވުމެއްގެ ވެސް މުހިންމު ބައެއްގެ ގޮތުގައި ހިމަނުއްވާނެ ކަމުގައެވެ.

އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ޙިޞާރު ދިގުލައިގެން ގޮސްފިނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އެމެރިކާއިން މިހާރު ދަނީ ބާރުގެ ބޭނުންކޮށްގެން ކަނޑުއޮޅި ހުޅުވުމަށް ވިލާތުގެ ޤައުމުތަކާއެކު 'މެރިޓައިމް ފްރީޑަމް ކޮންސްޓްރަކްޓް' ގެ ނަމުގައި އައު އިއްތިޙާދެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ ޤާނޫނުގައިވާ ގޮތުގެ މަތިން މޭ 1 ވަނަ ދުވަހުގެ ނިޔަލަށް ހަނގުރާމަ ހުއްޓައިނުލައިފި ނަމަ، ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިގެން ހަނގުރާމައިގެ މުއްދަތު އިތުރުކުރުމުގެ ހުއްދަ ޓްރަމްޕަށް ހޯއްދަވަން ޖެހިވަޑައިގަންވާނެއެވެ.