ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުން، ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން މިކަން ކުށްވެރި ކޮށްފައިވަނީ، ރާއްޖެއާއި އިތުރު 10 ޤައުމެއް ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ.
މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އަދި މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސް އެޅުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ޙަމަލާއާއި އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެއާއި 10 ޤައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށާއި، މިފަދަ ޚިލާފުވުންތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަޚުލާގީ އަދި ޤާނޫނީ ވާޖިބު އަދާކުރުމަށްވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
"ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅާފައިވަނީ، ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގްރީސްގެ ކްރީޓް އައިލެންޑާ 45 ނޯޓިކަލް މޭލު ދުރުން، އަދި ޣައްޒާއާ 600 ނޯޓިކަލް މޭލު ދުރުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދިޔަ މި ފްލޮޓިލާގެ 20 އަށްވުރެ ގިނަ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ރިޕޯޓުތައް ބުނާގޮތުން، އެކި ޤައުމުތަކަށް ނިސްބަތްވާ 175 އަށްވުރެ ގިނަ އެކްޓިވިސްޓުން ވަނީ ހައްޔަރު ކޮށްގެން އިސްރާއީލަށް ގެންގޮސްފައެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ، މިދިޔަ އަހަރުގެ މެދުތެރޭގައި އުފެދުނު ބައިނަލްއަޤުވާމީ ހަރަކާތެކެވެ. މި ފްލޮޓިލާގެ މައިގަނޑު މަޤުސަދަކީ، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޣައިރު ގާނޫނީ ހިސާރު މުގުރާލައި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނާއި ތުއްތު ކުދިންނަށް ބޭނުންވާ ކިރު ފަދަ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.