ޚަބަރު

އޯޕެކްއިން ޔޫއޭއީ ވަކިވެއްޖެ


މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ޤައުމުތަކުގެ އިއްތިޙާދު، އޯޕެކްއިން އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީ ވަކިވެއްޖެއެވެ.

ޔޫއޭއީގެ ހަކަތައާބެހޭ ވަޒީރު، ސުހެއިލް މުޙައްމަދު އަލް-މަޒްރޫޢީ ވިދާޅުވީ، މި ނިންމުން ނިންމާފައިވަނީ އޯޕެކްގެ ސިޔާސަތުތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

މި ނިންމުން ނިންމުމުގައި، އޯޕެކްގެ އެންމެ ބާރުގަދަ ޤައުމުކަމަށްވާ ސަޢުދީ ޢަރަބިއްޔާއާ މަޝްވަރާ ކުރެއްވިތޯ ނޫސްވެރިއަކު ސުވާލުކުރުމުން، މަޒްރޫޢީ ވިދާޅުވީ، އޯޕެކްގެ އެއްވެސް ޤައުމަކާ މަޝްވަރާ ނުކުރާ ކަމަށެވެ.

އަދި އޯޕެކްއިން ވަކިވުމަކީ ޔޫއޭއީގެ އަމިއްލަ ސިޔާސަތާ ގުޅުން ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާއެކު، ރައްދުގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އޯޕެކްއިން ޔޫއޭއީ ވަކިވިޔަސް، ތެލުގެ ބާޒާރަށް މާބޮޑު އަސަރެއް ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީ އޯޕެކްއިން ވަކިވުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

މިގޮތުން، އޯޕެކް ޤައުމުތަކުން ދުނިޔޭގެ ތެލުގެ ބާޒާރު ކޮންޓްރޯލްކޮށް، ތެލުގެ އަގު ބޮޑުކޮށްފައި ބާއްވާކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފައެވެ.

ޔަހޫދީންނާއި އެމެރިކާއިން ދިން ޢުދުވާނުގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ އަކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނަށް ވެސް ވައިގެ ޙަމަލާތައް އަމާޒުކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ ޙަމަލާތަކެއް ޔޫއޭއީއަށް އަމާޒުވެފައިވާއިރު، ގަލްފުގެ ޤައުމުތަކުގެ ރައްކާތެރިކަން ނުލިބޭކަމުގެ ހިތްހަމަނުޖެހުން ޔޫެއޭއީން ވަނީ ފާޅުކޮށްފައެވެ.