ޚަބަރު

"ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެންނާނީ ރައްޔިތުން ބޭނުންވާ ހައްލުތަކާއެކު"


  • ޑިޖިޓަލައިޒްވުމާއެކު ރަށްތަކުގައި އަވަހަށް ޚިދުމަތްލިބޭނެ

  • މޯލްޑިވްސް ޑިޖިޓަލް ސަމިޓް ކުރިއަށްދަނީ މިމަހުގެ 27އިން 29އަށް

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ތަންފީޒުވާން ޖެހެނީ ދިވެހިންގެ އިސްނެގުމާއެކު ދިވެހިންނަށް ބޭނުންވާނެ ހައްލުތައް ގެނެސްދިނުމަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޑިޖިޓަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޯލްޑިވްސް ޑިޖިޓަލް ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޯލްޑިވްސް 2.0 ތަޞައްވުރު ހާސިލް ކުރުމަށް، ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ބާއްވާ ސަމިޓެކެވެ. މީގެ އިތުރުން މުޢައްސަސާތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތް ޒަމާނީ ކުރުމާއި، މައުލޫމާތާއި ހެކިތަކުގެ އަލީގައި ހިންގުމުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ މަޝްވަރާތަކާއި ގުޅުންތައް ބަދަހިކުރުމަކީވެސް ސަމިޓް ބޭއްވުމެއް މަޤްޞަދެއް ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވިއެވެ.

ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ މޯލްޑިވްސް ޑިޖިޓަލް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވަނީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކަށް އަލިއަޅުވާލައްވާފައެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާއިރު ޑިޖިޓަލް ޓްރާންސްފޮމޭޝަން ހާސިލްކުރުމަކީ ދިވެހިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، ފަންނިއްޔާތުގެ ދައިރާއިން އަންނަ ކުރިއެރުންތަކާއެކު ދިވެހިރާއްޖޭގެ ރަށްތަކުގެ ދުރުމިން ކުޑަވެގެންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ކޮންމެ ރަށަކަށްވެސް ފަސޭހަކަމާއެކު ފޯރުކޮށްދީ، ޚިދުމަތްތައް އަވަސްކުރުމަށް މަގުފަހިވެ ދެފުށް ފެންނަ ނިޒާމެއް ޤާއިމް ކުރެވިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ފުރުޞަތުގައި އަޅުގަނޑުމެން މަރުޙަބާ ދަންނަވަނީ ބައިނަލްއަޤްވާމީ ލެވެލްގައި ޓްރާންސްފޯމޭޝަނަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންނަށް ތިޔަ ބޭފުޅުންގެ ބައިވެރިވުމުން ޚިދުމަތް ކުރެވޭނެކަން ޔަޤީންވޭ. ޓްރާންސްފޯމޭޝަން ވާންޖެހޭނީ ދިވެހީންގެ އިސްނެގުމާއެކު ދިވެހީންގެ ޙައްލުތައް ހިމެނޭ ކަމަކަށް. އަޅުގަނޑުމެން ބޭރުން ކަންކަން ދަސްކުރަން ޖެހޭނެ، އެކަމަކު ތަންފީޒު ކުރަން ޖެހޭނީ ރާއްޖޭގެ ޖިއޮގްރަފީ، މުއައްސަސާތައް އަދި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް، ރާއްޖޭގެ ޙާލަތަށް ބަލައިގެން " ވަޒީރު އިޙްސާނު ވިދާޅުވިއެވެ.

ދައުލަތުގެ ޚިދުމަތްތަކާއި މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތު ތެރެއިން ޒަމާނީ ބިންގާއެއް އެޅިގެންދާއިރު، މިކަމުގެ ތެރެއިން ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީއަކާއި، ޤައުމީ މައޫލޫމާތު ބަދަލުކުރުމުގެ ސިސްޓަމްތައް އަދި ދޭދޭ ނިޒާމު ގުޅުވައިދޭ ޚިދުމަތްތައް ޤާއިމްކުރުން ހިމެނޭ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިޙްސާން ވިދާޅުވީ މިމަސައްކަތަކީ ހަމައެކަނި ޓެކްނިކަލް މަސައްކަތެއް ނޫން ކަމަށާއި، މި ނިޒާމުތަކަކީ ދިވެހި އާއިލާތަކަށާއި، މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް އަވަސް ޚިދުމަތް ހޯދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާރސް ތެރެގައި ހިމެނެނީ މޮލްޑޯވަރގެ ޑިޖިޓަލައިޒޭޝަންގެ ފޯރމަރ ޕްރައިމް މިނިސްޓަރ މިސްޓަރ އިއުރީ ޓުރްކާނޯ،ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެވައިސް ޕްރެޒިޑެންޓް މިސްޓަރ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވަރމެންޓް ޑިޖިޓަލް ސަރވިސްގެ ފޯރމަރ ޕްރޮގްރާމް ޑިރެކްޓަރ މިސް ޖެސިކާ މެކްއެވޮއީއެވެ.

މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 29އަށެވެ. މި ސަމިޓް ބޭއްވަނީ މޯލްޑިވްސް ޑިޖިޓަލް ސަރވިސްއާއި ވޯލްޑްބޭންކް އެހީތެރިކަމާއެކު ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓާއި ގުޅިގެންނެވެ.