ޚަބަރު

ތެހްރާނުގެ މައި ވައިގެ ބަނދަރު އާންމު ދަތުރުފަތުރަށް ހުޅުވާލައިފި


މިދިޔަ ފެބްރުއަރީ 28ވަނަ ދުވަހު އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނާ ގުޅިގެން ބަންދުކޮށްފައި އޮތް، އީރާނުގެ ވެރިރަށް ތެހްރާނުގެ ވައިގެ މައި ބަނދަރު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ.

ގާތްގަނޑަކަށް ދެ މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ތެހެރާނުގެ އިމާމް ޚުމޭނީ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ އާންމު ދަތުރުތައް ބާއްވައިފައެވެ. މިގޮތުން، އޮމާނު، ތުރުކީވިލާތް އަދި ސަޢުދީ އަރަބިއްޔާއަށް އާންމު ފްލައިޓުތައް މިއަދު ދަތުރުކުރިކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އީރާނުގެ ޤައުމީ އެއާލައިން، އީރާން އެއަރ ވެސް މިއަދު ވަނީ ތެހްރާނުން މަޝްހަދުއަށް ޑޮމެސްޓިކް ދަތުރުތައް ފަށައިފައެވެ. މިއީ 56 ދުވަހަށްފަހު، އީރާން އެއަރ އިން ތެހްރާނުން ބޭއްވި ފުރަތަމަ ދަތުރެވެ.

އީރާނުގެ އެއާޕޯޓްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަމީރާނީ ވިދާޅުވީ، މިވަގުތު އިސްކަމެއް ދީފައިވަނީ، އީރާނުގެ އިރުމަތީގެ ސަރަޙައްދުތަކުން ވައިގެ ދަތުރުފަތުރަށް އިތުރުކުރުމަށް ކަމަށެވެ.

މިގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުގައި ހުރި ޑޮމެްސްޓިކް ވައިގެ ބަނދަރުތަކަށް ފްލައިޓުތައް އިތުރުކުރުމުގެ ވިސްނުން އޭނާ ހާމަކުރެއްވިއެވެ.

އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރު ޤާނޫނީ ހަނގުރާމައާ ގުޅިގެން މުޅި މެދުއިރުމަތީ ސަރަޙައްދުގެ ވައިގެ ބޮޑު ސަރަޙައްދެއް ބަންދުކުރަންޖެހުމުގެ ސަބަބުން ބައިނަލްއަޤުވާމީ ވައިގެ އުދުހުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.

ނަމަވެސް، މި މަހުގެ 8ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އީރާނުން ޢަމަލުކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާއެކު ގަލްފުގެ ގިނަ ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައި އޮތް އޮތުމަށް ލުއިތަކެއްދީ، ފްލައިޓުތައް އިތުރުކުރަން ފަށައިފައެވެ.

ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި އޮތުމުގެ ސަބަބުން މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ތާށިކަމާއެކު ބައިނަލްއަޤުވާމީ އެއާލައިންތަކަށް ގޮންޖެހުންތައް ވަނީ އިތުރުވެފައެވެ.

މިގޮތުން، ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ވިލާތުގެ ގިނަ ޤައުމުތަކުން މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އެކީގައި ހުސްވާނެކަމުގެ އިންޒާރު ބައިނަލްއަޤުވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭ އިން ވަނީ ދީފައެވެ.

މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ސަޕްލައި އިތުރުކުރެވޭނެ ގޮތެއް ނުހޯދޭނަމަ، ގިނަ ފްލައިޓުތައް ކެންސަލް ކުރަންޖެހޭނެކަމަށް ބައިނަލްއަޤުވާމީ ގިނަ އެއާލައިންތަކުން ދަނީ ބުނަމުންނެވެ.