ޚަބަރު

ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 20،000 ފޯމު


  • ޑްރާފްޓް މަރުހަލާގައި 16000 ފޯމް

  • މޭ މަހުގެ ނިޔަލަށް މުއްދަތު ވަނީ އިތުރުކޮށްފައި

ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ގޯއްޗާއި ފްލެޓަށް ހުށަޅުމަށް ހުޅުވާލުމުން މިހާތަނަށް 20،000 ފޯމް ލިބިފައިވާކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 16000 ފޯމް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި ތިރީސް ހަހާސް ފޯމް ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

"ޕޮއިންޓް ސިސްޓަމްއަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ނުކުރަން. އައު ކެޓަގަރީތައް ގެނެސްފައި ހުންނާނެ. 31 މެއި އަކީ އެންމެ ފަހުގެ ތާރީޚް. އެއަށްފަހު އިވެލުއޭޝަންގެ މަސައްކަތްތައް ފަށައިގަންނާނެ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ގޯއްޗާއި ފްލެޓަށް ކެޓަގަރީތައް ކަނޑައެޅުމުގައި ދިރިއުޅުމުގެ އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް ކެޓަގަރީތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ ރަށްވެހިންގެ އިތުރުން، ޚާއްސަ ކެޓަގަރީތަކަށް ބަހާލައިގެން 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.

އިޖުތިމާޢީ ބޯހިޔާވަހިކަމުން 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ދެ ޖިންސުގެ ދަރިން ތިބޭ މީހުންނަށް 3 ކޮޓަރީގެ ފްލެޓްތަކަށް އެޕްލައި ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ. ގޯތި ދިނުމުގައިވެސް މައިމުޅަވެފައިވާ މީހުންނާއި، މާލޭގައި ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް 1،500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތައް އިޢުލާނުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުންތަކަށްފަހު، އާއްމުންގެ ޚިޔާލަށް ބަލާ ބައެއް ކެޓަގަރީތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ކުރިމަތިލެވޭ ގޮތަށް "ގޯތި ގެދޮރު"ގެ ނަމުގައި ޕްރޮގްރާމެއް ވަނީ ހުޅުވާލާފައެވެ.

އަދި ނިމުނު ސަރުކާރުގައި "ގެދޮރުވެރިޔާ" ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން އެއްބަސްވާ ގޮތަށް ވަކިވަކިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ދޭން ވަނީ ނިންމާފައެވެ. ދެން ހިމެނެނީ ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން "ބިންވެރިޔާ ސްކީމް"އަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ކެޓަގަރީއެވެ.

މިމަހުގެ 1ވަނަ ދުވަހު ވަނީ ޚާއްސަ ކެޓަގަރީއެއް ކަނޑައަޅާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތަށް ބެލެނިވެރިޔާގެ ނަމުގައި ފޯމު ހުށައެޅޭނެއެވެ.

ވީހާވެސް ގިނަ މީހުންނަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ފަހިކޮށްދީ، އަދި އިތުރުކުރި ކެޓަގަރީތަކަށް ވަގުތު ދިނުމުގެ ގޮތުން މި ސްކީމްތަކަށް މިހާރު ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތު މެއި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މިއީ، މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.