އީރާނުގެ ހުއްދަ ނެތި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި އުޅަނދަކަށް އީރާނުން ޙަމަލާދީފައިވާކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
"ޔޫފޯރިއާ" ނަމަކަށް ކިޔާ އުޅަނދަށް ދިން ޙަމަލާގައި އެ އުޅަނދުގައި ތިބި އެއްވެސް ފަޅުވެރިއަކަށް ގެއްލުމެއް ނުލިބޭކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.
އެ އުޅަނދަށް ޙަމަލާދިނުމުގެ ކުރިން، އީރާނުގެ ހުއްދަ ނުނަގައި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި ދެ އުޅަނދެއް އީރާނުން ވަނީ ހިފަހައްޓައިފައެވެ.
އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނީ، ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް، އީރާނުގެ ޙުއްދަ ނުހޯދައި، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި ދެ އުޅަނދެއް ހިފަހައްޓާފައިވާ ކަމަށެވެ.
ހިފެހެއްޓި ދެ އުޅަނދު އީރާނަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އައިއާރުޖީސީން ބުންޏެވެ.
ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން، އެކަމުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން މެދުކަނޑާލާފައި މުއްދަތު ހަމަވަންދެން ކަމަށް ބުނެ. އެ ކަނޑުއޮޅި އޭޕްރީލް 17 ގައި އީރާނުން އަލުން ހުޅުވައިލުމަށްފަހު އަނެއްކާވެސް ބަންދުކުރީ އީރާނުގެ ބަނދަރުތަކުން އުޅަނދުތަކަށް ނުފުރޭ ގޮތަށް، އީރާނު ކަނޑުމަގުން ވަށާލާފައިވާ ވަށައިލުން އެމެރިކާއިން އުވާލުމަށް ދެކޮޅު ހެދުމާ ގުޅިގެންނެވެ.
އެ ޙިޞާރު އުވާނުލާހާ ހިނދަކު، އީރާނުގެ ހުއްދަ ނެތި ހުރްމުޒް ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ވަނީ ތަކުރާރުކޮށްދީފައެވެ.
މި މަހުގެ 8ވަނަ ދުވަހު، ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްފައިވީނަމަވެސް، ހުރްމުޒް އާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނާއި އެމެރިކާއިން ފަށާފައިވާ މަޝްވަރާތަކަށް ވަނީ ހިޔަނިއެޅިފައެވެ.