މާލެ ރީޖަން ލީގުގެ ދެވަނަ ޑިވިޝަން ކުލަބު ޕީކޭ އިން ބޮޑު މޮޅެއް ހޯދާ ގުރޫޕުގެ ކުރު ހޯދުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ޕީކޭ މެޗު ކާމިޔާބު ކުރީ އެލްޓީ ސްޕޯޓްސް ކުލަބާ ވާދަޖޮށް 7-0 ލަނޑުންނެވެ. މި މެޗުގައި ޕީކޭގެ އަލީ ޝަމާލް އަބްދުﷲ ވަނީ ހަތަރު ލަނޑު ޖަހާފައެވެ.
މި މޮޅާއެކު މި ގުރޫޕުގެ ބިސްބުރު ސްޕޯޓްސް ކުލަބާއި، ޖޭޖޭ ސްޕޯޓްސްގެ އިތުރުން ދަ ގްރާންޑޭ އެކު ޕީކޭއިން ވެސް މި ވަނީ ތިން ޕޮއިއިންޓު ހޯދާފައެވެ. ލަނޑުގެ ތަފާތުން ޕީކޭ ގުރޫޕުގެ ކުރި ލިބެނީ މި ތިން ޓީމަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މުޅި މެޗު ޑޮމިނޭޓްކޮއްގެން ޕީކޭއިން ކުޅުނު އިރު އެލްޓީއަކަށް މާ ރަނގަޅު ކުޅުމުއް ދެއްކިފައެއް ނުވެއެވެ. ޕީކޭއަށް މިމެޗުގައި ގޯލު ހުޅުވާލަދިނީ ޝަމާލްއެވެ. މެޗުގެ 21 ވަނަ މިނިޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ އެލްޓީގެ ޑިފެންޑަރަކާ ކީޕަރު ބޯޅަ ދިފާއުކުރަން ކުރިއަށް ޖެހުނު ވަގުތު ވަގުތު ދެ ކުޅުންތެރިން މުޑިއެރުމުން ކުރިއަށް ޖެހި ހުސްކޮށް ހުރެ ޝަމާލް ވަނީ ގޯލަށް ބޯޅަ ވައްދާލާފައެވެ.
ޕީކޭގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ އަޖުމަލް އަހުމަދެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕީކޭއިން ދެ ލަނޑު ޖެހިއިރު މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮއްދިނީ އަޖުމަލްގެ އިތުރުން އަލީ ހުމޭޒްއެވެ.
ޕީކޭގެ ހަތަރުވަނަ ލަނޑު މެޗުގެ 64 ވަނަ މިނިޓުގައި ޝަމާލް ކާމިޔާބުކޮއްދިން އިރު އޭނާ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 80 ވަނަ މިނިޓުގަ ކާމިޔާބު ކުރި ލަނޑާއެކުއެވެ.
ޕީކޭގެ ހަވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި ޔޫހު ނަސީރު ހުސްކޮށް އޭރިއާތެރެއަށް ހިފައިގެން ވަތް ބޯޅައެއް ގޯލަށް ވައްދަލައިގެންނެވެ. ޕީކޭގެ ހަތް ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމުވެސް ހޯދި ޝަމާލެއެވެ.
މުބާރާތުގައި ޕީކޭ ކުޅުނު ފުރަތަމަ މެޗުން އެޓީމު ބަލިވީ ބިސްބުރު އަތުން 5-4 ލަނޑުންނެވެ.