އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ބްރެޒިލް ހަ ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރަން ލިބޭ ވަރަށް ރަނގަޅު ފުރުސަތު ކަމަށް ކުރީގެ ކެޕްޓަން ކަފޫ ބުނެފި އެވެ.
ސްޕޭނުގެ މެޑްރިޑްގައި ލައުރޮއިސް އެވޯޑް ހަފުލާ އަށް ފަހު ވާހަކަ ދައްކަމުން ދެ ފަހަރު ބްރެޒިލަށް ތަށި ހޯދައިދިން ޑިފެންޑަރު ބުނީ މި ފަހަރުގެ މުބާރާތް ބްރެޒިލްގެ ފަހަރަކަށް ހެދޭނެ ސަބަބުތަކެއް އުފެދިއްޖެ ކަމަށެވެ.
"މިހާރުގެ ކޯޗަކީ ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗު. އެއީ ބްރެޒިލަށް މިހާތަނަށް ނުވެ އޮތް ކަމެއް މޮޅު ކޯޗަކު ހުރުން. ދެން ކުޅުންތެރިންނަށް ބަލާއިރު އަހަރެން ދެކެ ގޮތުގައި ބްރެޒިލް ކޮޅަށް ގޯލެއް ނުވެދެ ގޮސްފިނަމަ މެޗުގެ ނަތީޖާ އަނބުރާނެ ކުޅުންތެރިން މިހާރު އެބަތިބި،" ކަފޫ ބުންޏެވެ.
ބްރެޒިލް އެންމެ ފަހުން ތަށި ހޯދީ 2022 ވަނަ އަހަރު ކަފޫގެ ކެޕްޓަންކަން ކަމުގަ އެވެ. އަދި އެމެރިކާގައި 1994 ވަނަ އަހަރު ތަށި ހޯދިއިރު ވެސް އޭނާ އަކީ ޓީމުގެ ކުޅުންތެރިއެކެވެ. ކަފޫ ބުނީ އޭނާ އުއްމީދު ކުރަނީ މި ފަހަރުގެ މުބާރާތަކީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާގެ މުބާރާތަކަށް ވުން ކަމަށެވެ.
"އޭނާ އަކީ ބްރެޒިލް ފައިނަލަށް ހިނގައްޖެނަމަ ޔަގީނުން ވެސް މުބާރާތް ނިންމާލެވޭނެ ފެންވަރުގެ ކުޅުންތެރިއެއް. އަދި އޭނާއާއެކު ޓީމުގައި ވަރަށް ވަރުގަދަ މޮޅު، އެޓޭކަރުން އެބަތިބި. އަހަރެން އުއްމީދު ކުރަން ވިނީޝިއުސް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާނެ ކަމަށް،" މުބާރާތް ކާމިޔާބު ކުރެވޭނީ ވިނީޝިއުސް ދައްކާ ކުޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށް ދޭހަވާ ގޮތަކަށް ކަފޫ ބުންޏެވެ.
އޭނާ ވަނީ ފްރާންސްގެ ލިއޯނަށް ކުޅޭ 19 އަހަރުގެ ފޯވަޑް އެންޑްރިކްގެ ވާހަކަ ވެސް ފާހަގަ ކޮށްފަ އެވެ. ކަފޫ ބުނީ ރެއާލް މެޑްރިޑުން އޭނާ ލޯނު އުސޫލުން ލިއޯނަށް ދޫކޮށްލުމަކީ އެންޑްރިކް ވޯލްޑް ކަޕަށް ތައްޔާރުވާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ލިއޯނުގައި ގިނަ ގޯލުތަކެއް އެންޑްރިކް ޖަހާތީވެ އުފާ ކުރާ ކަމަށެވެ.
ފުރަތަމަ ފަހަރަށް 48 ޓީމު ވާދަ ކުރާ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފަސް ޓީމުގެ ތެރޭގައި ގިނަ ބަޔަކު ބްރެޒިލް ހިމަނަ އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ބްރެޒިލް އެވެ.