ކުޅިވަރު

ޕްރެމިއާ ލީގު އަލުން ފެށިއްޖެ! މިއީ އާޓެޓާ ދެރަނުވާން ދެއްކި ވާހަކަ އެއްތަ؟


ސީޒަނުގައި ބޮޑު ލީޑެއް ލިބިފައިވަނިކޮށް މަޑުމްޑުން ލީޑު ހަނިވަމުން އައިސް ރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވެ، އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު އާސެނަލް އަށް ގެއްލުމުން ކޯޗު މިކޭލް އާޓެޓާ ބުނީ މި ހިސާބުން ޕްރެމިއާ ލީގު އަލުން ފެށުނީ ކަމަށެވެ.

"ދެ ޓީމަށް ވެސް މިހާރު ފުރުސަތު މިއޮތީ ހަމަހަމަކޮށް، އަހަރުމެން މި ހިސާބުން އަދި ހުއްޓާ ނުލާނަން. އަހަރުމެން ދާނީ ކުރިއަށް. މި ފަސް މެޗު ކުޅެ ނިމުނީމާ އެނގޭނީ ވާނެ ގޮތެއް. މިހާ ހިސާބުން އަލުން ޕްރެމިއާ ލީގު މި އޮތީ ފެށިފައި،" އާޓެޓާ ބުންޏެވެ.

މި ވަގުތު އާސެނަލް އެއްވާނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނާގައިވަނީ 67 ޕޮއިންޓާއެކުގަ އެވެ. ބާކީ އާސެނަލް އަށް ފަސް މެޗު ސިޓީ އަށް އޮތީ ހަ މެޗެވެ. ފައިދާ ގޯލަށް ބަލާއިރު އާސެނަލް އަށް 37 ގޯލު އަދި ސިޓީ އަށް އޮތީ 36 ގޯލެވެ. މިހެންވެ އާސެނަލް ފަހާލައި އެއްވަނަ ހޯދުމުގެ ހުރިހާ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

މިހެންވެ ރޭގެ މެޗަށް ނުކުތްއިރު އާޓެޓާ ވެސް ބުނީ މިއީ ބަލިނުވެ ސަލާމަތްވާން ޖެހޭ މެޗެއް ކަމަށެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އޭނާގެ ޓީމު ބަލިވެ، ނުވަތަ އެއްވަރުވެއްޖެނަމަ ތަށި ހޯދުމުގެ ރޭސް ނިމުނީ ކަމަށެވެ. ނަމަވެސް އާސެނަލް ބަލިވުމުން އާޓެޓާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. ޓީމުގެ ކުޅުންތެރިންގެ ނަފްސާނީ ގޮތުން އަލުން ތައްޔާރު ކުރެވިދާނެތޯ އެހުމުން އޭނާ ބުނީ ކުޅުންތެރިން ރޫހު ގެއްލިގެން ނޫޅޭ ކަމަށެވެ.

"މިހާރު އެ މީހުންނަށް އެނގޭނެ މިވީ ގޮތް. މިހާރު އެ މީހުން ޗޭންޖިން ރޫމުގައި ދައްކާނީ މި މެޗުގައިވީ ގޮތުގެ ވާހަކަ. އަހަރުމެން އެ މީހުން ބޭނުންވާނަމަ މި ވާހަކަ ދައްކައި މަޝްވަރާ ކުރާނަން. ސީޒަނުގައި ބާކީ ފަސް މެޗު އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އޮތުމުން އަހަރެންނަށް ހިޔެއް ނުވާ ޓީމުގެ ފޯކަސް ގެއްލިދާނެހެން،" ކޯޗު ބުންޏެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް އާޓެޓާ އަށް ހޯދުނީ އާސެނަލްއާއެކު ދެ ވަނަ އެވެ. މި ސީޒަނަށް ޓީމަށް ވަރަށް ބޮޑަށް ހޭދަކޮށްފައިވާތީވެ ތަށި ހޯދުން އޭނާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އާސެނަލް އަށް އެންމެ ފަހުން ޕްރެމިއާ ލީގު ކާމިޔާބު ކުރެވުނީ މީގެ 22 އަހަރު ކުރިންނެވެ. އެންމެ ފަހުން ތިން ފަހަރު ވެސް ތަށި ހޯދައިދިން ކެޕްޓަން ޕެޓްރިކް ވިއޭރާ ރޭގެ މެޗަށް ފަހު ބުނީ މި ނަތީޖާގެ ސަބަބުން އާސެނަލްގެ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"އަހަރެންނަކަށް ހިޔެއް ނުވޭ ނަފްސާނީ ގޮތުން އެ މީހުން އިސް އުފުލައިގެން ތިބޭނެހެން. އެއަށްވުރެ ބޮށް ފެނިގެން މިދަނީ މެޗަށް ފަހު މެޗެއްގެ ނަތީޖާ ގޯސްވާތަން،" ކުޅުން ހުއްޓާލުމަށްފަހު މެންޗެސްޓާ ސިޓީގައި ވެސް މަސައްކަތް ކުރި ވިއޭރާ ބުންޏެވެ.