ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި މިހާތަނަށް %50 އަށްވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8 ޖެހިިރު ފަށާފައިވާއިރު މެންދުރު 2 ޖެހުމާ ހަމައަށް 3353 މީހަކު ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މިއީ ވޯޓު ލިބުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން %55.03 އެވެ. އަދި މިހާތަނަށް 2740 މީހަކު ވޯޓުލާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިހާތަނަށް ވޯޓުލި މީހުންނަށް ބަލާއިރު 1625 އަންހެނުންނާއި 1728 ފިރިހެނުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި 6093 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 2901 އަންހެނުންނާއި 3192 ފިރިހެނުންނެވެ.
އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. އިތުރު ބުރުގެ ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބާއްވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00އާ ހަމައަށެވެ.