ޙައްޖާއި ޢުމްރާއަކީ މީހާ ޖިސްމާނީގޮތުން އެކަމަށް ތައްޔާރުވާން ޖެހޭ ކަމެކެވެ. ގަދަ ހޫނާއި، ވަރުބަލިކަމުގައި އެތައް ހާސް ބައެއްގެ މެދުގައި ހޭދަކުރާ ވަގުތަކީ، އެކަމަށް މީހާގެ ހަށިގަނޑު ދުރާލާ ތައްޔާރުވާން ޖެހޭ ކަމެކެވެ.
މީހާ ރޫހާނީގޮތުން ތައްޔާރުވާއިރު، އެއާ އެކުއެކީގައި އެމީހާގެ ހަށިގަނޑުގައި އެކަމުގެ ކުޅަދާނަކަން އިތުރުކުރުމަށް ޖިސްމާނީގޮތުންވެސް ހަށިގަނޑު ތަރުބިއްޔަތު ކުރަންޖެހެއެވެ.
ޠަވާފްކުރުމާއި ސަޢުޔުކުރުމާއި މިނާއާއި މުޛްދަލިފާ އާއި އަރަފާތާއި ޖަމުރާގައި ހޭދަކުރާ ވަގުތަކީ ބުރަ އަދި، ގިނަ ހިނގުންތަކެއް ހިނގަންޖެހޭ ދަތުރެކެވެ.
މިނޫނަސް، ހޮޓާލާއި ޙަރަމާ ދެމެދުގެ ރާސްތާއަކީވެސް 10-15 މިނެޓެވެ. ކޮންމެ ވަގުތަކު ޙަރަމަށް ނަމާދަށް ދާ މީހެއްނަމަ ގިނަ ހިނގުންތަކެއް ހިނގަންޖެހެއެވެ.
އެންމެ ކުރު ރާސްތާގައި ޠަވާފާއި ސަޢުޔުކުރާ މީހާވެސް 5 ކިލޯ މީޓަރަށްވުރެ ދިގު ހިނގުމެއް ހިނގާނެއެވެ. މަދުވެގެން ގަޑިއެއްހާއިރު ހޭދަވާނެއެވެ. ބައިބޯނަމަ، 2-3 ގަޑިއިރުވެސް ހޭދަވެދާނެއެވެ. މިސާލުން ބަލާނަމަ އެއީ ބްރިޖާއި ހައިވޭ ހުރަސްކޮށް، މާލެއިން ހުޅުމާލެއަށް ހިނގާފައި ދިއުމަށް ހޭދަކުރާ ވަގުތަށްވުރެ ގިނަ ވަގުތެކެވެ.
އަދި ޙައްޖުގެ އަޅުކަމުގެ 5 ދުވަހުވެސް އެބިމުގައި އެތައް ހިނގުމެއް ހިނގާނެއެވެ.
ޖިސްމާނީގޮތުން އެންމެ ބޮޑު ތައްޔާރީއެއް ވާންޖެހޭކަމަކީ، ހަށިގަނޑު އަވަހަށް ވަރުބަލިވިޔަ ނުދީ ހިފެހެއްޓުމެވެ. އެގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ހަށިގަނޑަށް ކަސްރަތު ދީ، ގައިގަ ވަރުޖެއްސުމަށް، ކަސްރަތަށް ހިނގުމެވެ.
މީއީ އެވަރުބަލިކަމާއި ގަދަހޫނުގެ ސަބަބުން ހަށިގަނޑު ލޮޑުވުމުން ސަލާމަތްކޮށްދިނުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތަކެވެ.
ހައްޖަށް 4 ހަފްތާއެއްހާ މުއްދަތު އޮތްއިރު، މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތުވެސްމެއެވެ.
އެގޮތުން ފުރަތަމަ، ދުވާލަކު 20-30 މިނެޓު، އާދައިގެ ބާރުމިނެއްގައި ކަސްރަތަށް ހިނގާނީއެވެ. ހަށިގަނޑު ހޭނެމުންދާވަރަކަށް، ހިނގުން ބާރުކޮށް، އަދި ހިނގާ ވަގުތު ގަޑިއެއްހާއިރަށް އިތުރުކޮށްލާނީއެވެ.
އެންމެ ރަނގަޅުގޮތަކީވެސް ގެއިން ބޭރުގައި ހިނގާ އަދި ލުއި ކަސްރަތުކޮށްލުމެވެ. އެއީ ހަށިގަނޑު އެ މާޙައުލަށް ހޭނުމަށެވެ. މިއަހަރުގެ ޙައްޖު ދުވަސްވަރުވެސް، ފިނިހޫނުމިން ބޮޑުތަނުން މަތިވާނެކަމަށް އަންދާޒާކުރެވެއެވެ.
ޙައްޖުގެ އަޅުކަމަށް ދާއިރު ގިނަ މީހުން ބޫޓު ބޭނުންކުރެއެވެ. ފަޔަށް ފަސޭހަ، ހިނގަން ފަސޭހަ ބޫޓު/ފައިވާނެެއް ޚިޔާރުކުރުން ވަރަށް މުހިންމެވެ. ދަތުރު ފަށާ ދުވަހު މުޅިން އައު ބޫޓެއް ނުވަތަ ފައިވާނެއް ބޭނުން ކުރުން ރަނގަޅެެއް ނޫނެވެ.
އެންމެ ރަނގަޅު ގޮތަކީ، އަޅުކަމަށް ދަތުރަށް ގެންދާ ފައިވާން/ބޫޓު ދުރާލާ ގަނެ އެއަށް ފަރިތަވުމެވެ. ގިނަފަހަރު އައު ބޫޓެއް ބޭނުންކުރުމުގެ ސަބަބުން ފަޔަށް ތަދުވެ، ހަންމެށި ފޮޅުލުންފަދަ ކަންކަން ދިމާވެއެވެ. އެހެންކަމުން ރަނގަޅު ގޮތަކީ، ފައިވާން/ބޫޓު އަވަހަށް ގަތުމެވެ. އަދި ކަަސްރަތަށް ހިނގާއިރުވެސް އެ ބޫޓު ބޭނުންކުރުމެވެ.
ބައެއް ކަހަލަ ލުއި ކަސްރަތުތައްވެސް ކޮށްލުން ރަނގަޅެވެ. ނަމަވެސް ހަށިގަނޑަށް ކުޅަދާނަ ނުވާވަރަށް ކަސްރަތު ނުވަތަ ހިނގައިގެން ނުވާނެއެވެ.
ހަށިގަނޑު ލޮޑުވުން ކުޑަކުރުމަށް، ގަވާއިދުން ފެން ބޯން އާދަކުރާށެވެ. މާބޮޑަށް ފެން ބޮވައިގަތުމުން ފެން ބޮވެފިނަމަ، މުޅި މީހާ ވަރުބަލިވެ ލޮޑުވެ ހަށިގަނޑު ކަންނެއް ކޮށްލައެވެ. ހަށިގަނޑުގައި ފެނުގެ މިންވަރު މަދުވިޔަނުދީ ރަނގަޅަށް ބެހެއްޓުމަށް ގަވާއިދުން ފެން ބޯށެވެ.
ކެއުމުގައިވެސް ހަށިގަނޑުގައި ވަރުޖެހޭފަދަ ކާނާ ބޭނުންކުރާށެވެ. ހަކުރާއި މާބޮޑަށް ތެޔޮ ކާނާއިން ދުރުވާށެވެ.
ޖިސްމާނީގޮތުން ތައްޔާރުވާއިރު، ޞިއްޙީ ކަންކަމަށްވެސް ސަމާލުވާންވާނެއެވެ. ގަވާއިދުން ބޭސް ކާ މީހެއްނަމަ، ޑޮކްޓަރަށް ދައްކާ ބޭނުންވާ މިންވަރަށް ބޭސް ހޯދުމާއި އަދި ދިމާވެދާނެ ޞިއްޙީ މައްސަލައަކަށް ސަމާލުވުމަށް ނަފުސު ތައްޔާރުކުރަންވާނެއެވެ. އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޑޮކްޓަރުގެ ލަފާ ހޯދާށެވެ.