ޔަހޫދީ ދައުލަތާއި ލުބްނާން ސަރުކާރާ ދެމެދު ބާއްވާ ތާރީޚީ ސީދާ މަޝްވަރާތައް އެޕްރީލު 16 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންގްޓަނުގައި ފެށިގެންދާނެ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. މިއީ ފާއިތުވި 34 އަހަރުގެ ތެރޭގައި މި ދެ ޤައުމުގެ މެދުގައި ހިނގާ މި ފަދަ ފުރަތަމަ ސީދާ މަޝްވަރާތަކެވެ. މި ވާހަކަތަކުގެ މައިގަނޑު އަމާޒަކީ، ލުބްނާންގެ ޢާންމު ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމެވެ.
ދެ ޤައުމުގެ މެދުގައި އެންމެ ފަހުން ސީދާ މަޝްވަރާތައް ބާއްވާފައި ވަނީ 1991 ވަނަ އަހަރުގެ މެޑްރިޑް މަހާސިންތާގައެވެ. އެއަށްފަހު 1993 އާ ހަމައަށް ވޮޝިންގްޓަނުގައި ވާހަކަތައް ކުރިއަށްދިޔަ ނަމަވެސް، ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ނުދެވި އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ވޭތުވެދިޔަ ތިން ދަހަރަށްވުރެ ގިނަ ދުވަހު ލުބްނާނާއި ޞަހްޔޫނީ ދައުލަތާ ދެމެދު އޮތް ހަނގުރާމައިގެ ޙާލަތާއި، 1955 ވަނަ އަހަރުން ފެށިގެން ޔަހޫދީންނާ އެއްވެސް މުޢާމަލާތެއް ހިންގުން މަނާކޮށް ލުބްނާނުން އަމަލުކުރަމުންދާ ޤާނޫނުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި ސީދާ މަޝްވަރާތައް ބޭއްވުމަށް އޮތީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله ގެ ނުރުހުމާއެކު، ދެ ފަރާތުގެ ދެމެދުގައި ނުސީދާ ވާހަކަތައް ބާއްވަމުން ގޮސްފައި ވަނީ އެކުވެރި ދައުލަތްތަކުގެ (އދ) ސުލްޙަ ބަލަހައްޓާ ފައުޖާއި އެމެރިކާ ސަރުކާރު މެދުވެރިކޮށެވެ.
ލުބްނާން ސަރުކާރާއި ޔަހޫދީންނާ ދެމެދު ވޮޝިންގްޓަނުގައި ސުލްޙައިގެ މަޝްވަރާތައް ފެށުމުން އދއިން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. އެއީ، ސުލްޙަ ޤާއިމު ކުރުމަށް އެޅުނު "މުހިންމު ފުރަތަމަ ފިޔަވަޅެއްގެ" ގޮތުގައި އދގެ ތަރުޖަމާނު ފަރްޙާން ޙައްޤު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސުލްޙައާއި ދާއިމީ ހަމަޖެހުމަށް ޓަކައި ދެމެހެއްޓެނިވި މަޝްވަރާ މުހިންމު ކަމަށާއި، އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 1701 ފުރިހަމައަށް ތަންފީޒު ކުރުމަށް ބާރުއަޅުއްވާ ކަމުގައެވެ.