ކުޅިވަރު

ލިވަޕޫލަށް ކުރިމަތިވި މައްސަލައަކީ ކުރި ބޮޑު ހޭދަ: ކޯޗު


މި ސީޒަނުގައި ތައްޓެއް ނުލިބި ލިވަޕޫލަށް ސީޒަން ނިންމާލަން ޖެހުނު މައިގަނޑު ސަބަބަކީ ކުޅުންތެރިން ގަތުމަށް 480 މިލިއަން ޑޮލަރު ހަރަދު ކުރުމުގެ ސަބަބުން ކުރިމަތިވި ޕްރެޝަރު ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުން ލިވަޕޫލް ކެޓުމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.

"އޭގެ ޕްރެޝަރު ވަރަށް ބޮޑުވެފައި އޮތީ ސީޒަން ފެށިއިރު ވެސް. އެހެން ނަމަވެސް އަހަރެން ބުނާނީ މި ކުލަބުގެ މޮޑެލްގައި މީގެ ކުރިން ވެސް ކާމިޔާބު ހޯދައިފިއޭ. އެހެންވީމާ މި ސީޒަން މިހެންދިޔަ ނަމަވެސް އަދި ކުރިމަގު އޮތީ ރަނގަޅަށޭ،" ހުސްވި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

ނަމަވެސް މި ސީޒަނަށް ފަހު ސްލޮޓް މަގާމުގައި ހުންނާނެކަން އަދި މުޅިން ކަށަވަރެއް ނޫނެވެ. އިނގިރޭސި ގިނަ މީޑިއާތަކުން ބުނަނީ އައު ސީޒަނަށް ލިވަޕޫލުން އާ ކޯޗަކު ހޯދާނެ ކަމަށެވެ.

ސްލޮޓް ބުނީ ލިވަޕޫލަށް ކުޅުންތެރިން ގެނައިއިރު ޓީމުން ކުޅުންތެރިންތަކެއް ގެއްލުނު ކަމަށެވެ. އަދި މި ސީޒަނަށް ފަހު ވެސް މުހިންމު ދެ ކުޅުންތެރިއަކު ޓީމާ ވަކިވާތީވެ ލިވަޕޫލުން ކުޅުންތެރިން ގަތުމުގެ ކުރިން ފައިސާ ހޯދަން ޖެހޭ ކަމަށެވެ.

"މިދިޔަ ސީޒަނުގައި ޓްރެންޓް (އެލެގްޒެންޑާ އާނޮލްޑް) ދިޔައީ ހިލޭ. މި ސީޒަނަށް ފަހު މުހައްމަދު ސަލާހާއި އެންޑީ (ރޮބަޓްސަން) ވެސް ހިލޭ އެ ދަނީ. އެހެންވީމާ އަހަރުމެން ކުޅުންތެރިން ގަތުމުގެ ކުރިން އެބަޖެހޭ ފައިސާ ހޯދަން ވެސް،" ސްލޮޓް ބުންޏެވެ.

ލިވަޕޫލް މިވަގުތު މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭތޯ އެވެ. އެކަން މުޅިން ކަށަވަރުވާނީ ޗެމްޕިއަންސް ލީގުގެ ގަދަ ހަތަރަކަށް ދެވިގެންނެވެ.