މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް މުދާ ގެނައުމުގެ މަގުތައް ސަރުކާރުން ހޯދަމުންދާއިރު މިކަމަށް ކުރިއެރުންތަކެއް ލިބެމުން އަންނަކަމަށެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް ޝިޕްމަންޓްތައް ގެނައުމަށް ކުރިއަށްއޮތް 3 މަސްދުވަހަށްވެސް ޝެޑިއުލް ދަތުތައް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖެއަށް ގެންނަ މުދަލުގެ އަދަދު އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ 3 މަސްދުވަހާއި އަޅާބަލާއިރު މިއަހަރުގެ 3 މަސްދުވަހު ރާއްޖެއަށް ގެނެސްފައިވާ މުދަލުގެ އަދަދު %19 އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޖަނަވަރީ 2025 އިން މާރޗް 2025 އަށް ރާއްޖެއަށް އިމްޕޯޓްކުރި މުދަލަށް ބަލާއިރު 13.6 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކުރި. މިއަހަރުގެ މި މުއްދަްތުގައި 16.2 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައި އެބަވޭ. އެހެންވީމަ އިމްޕޯޓަށް ބަލާއިރު %19 އިތުރުވުމެއް އެބައިން. އެވާހަކަ އަޅުގަނޑު މި ދެންނެވީ ޑިމާންޑަށް ބަލާފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ލަންކާގައި ތާށިވެފައިވާ ކޮންޓެއިނަރުތައްވެސް މިހާރު ރާއްޖެއަށް ގެންނަމުންދާކަމަށެވެ. މިދިޔަ ހަފްތާގައި ލަންކާގައި ހުރީ 4241 ކޮންޓެއިނަރުކަމަށެވެ. އެހެންނަމަވެސް މިވަގުތު ބަނދަރުގައި އޮތް ބޯޓުތަކާއިއެކު މި ހަފްތާގައި އައުމަށް ހަމަޖެހިފައިވާ ބޯޓުތައް އައުމުން މިހާރު ލަންކާގައި ހުންނާނެކަމަށް އަންދާޒާކުރެވެނީ 1741 ކޮންޓެއިނަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އާންމު ހާލަތައް ބަދަލުވަމުން އަންނަކަމަށެވެ. މިވަގުތު މާލޭ ބަނދަރުގައި އޮތް އުޅަނދެއްގައި 1200 ކޮންޓެއިނަރު މުދާ އެބަހުރިކަމަށާއި، އަދި މި ހަފްތާގައި 2500 ކޮންޓެއިނަރުގެ މުދާ މާލެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. 12 އޭޕްރީލްގައި 500 ކޮންޓެއިނަރު 13 އެޕްރީލްގައި 500 ކޮންޓެއިނަރު އަދި 14 އޭޕްރީލްގައި 1500 ކޮންޓެއިނަރުގެ މުދާ ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.