ޚަބަރު

ރާއްޖެއާއި ކްރޮއޭޝިއާއިން ޕޮލިޓިކަލް ކޮންސަލްޓޭޝަން އެއްބަސްވުމެއް!


  • ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ

  • ދެ ޤައުމަށް ފައިދާހުރި ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި

ދިވެހިރާއްޖެއާއި ކްރޮއޭޝިއާ އާ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝާން ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް ގަރލިޗް ރަޑްމެންއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ."