މެދުއިރުމަތީ ހަނގުރާމަ މެދުކެނޑުނު ފަހުން ފުރަތަމަ ފަހަރަށް ތިން ތެޔޮ ޓޭންކަރަކުން ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފިއެވެ.
ފެބްރުއަރީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ސަބަބެއް ނެތި އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބޭނުންކުރުމަށް ހުރަސްއަޅައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމްކުރުމާއެކު އީރާނުން ވަނީ އެ ކަނޑިއޮޅި ބޭނުންކުރުމުގައި ލުއި ދީފައެވެ. ނަމަވެސް ޔަހޫދީން ލުބުނާނަށް ޙަަމަލާ ދިނުމުން އެކަމާ ހިތްހަމަ ނުޖެހި އީރާނުން ވަނީ އަނެއްކާ ވެސް އެ ކަނޑުއޮޅި ބޭނުންކުރުން ދަތިކޮށްފައެވެ. ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް 140އަށް ވުރެ ގިނަ ބޯޓުފަހަރު ދިޔައީ އެ މަގު ހުރަސްކުރަމުންނެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި ޞުލްޙައިގެ މަޝްވަރާތައް މިހާރު ފެށިފައިވާއިރު، ސަޢުދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި އިމާރާތުން ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުންދާ ސެރިފޯސް ޓޭންކަރު މިހާރު ވަނީ އީރާނުގެ ޙުއްދައާއެކު ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައެވެ. އެ އުޅަނދު މެލޭޝިޔާގެ މަލާކާ ބަނދަރަށް މި މަހުގެ 21ވަނަ ދުވަހު ފޯރާނެ ކަމަށް ބެލެވެއެވެ.
އޭގެ އިތުރުން ޢިރާޤުން ތެޔޮ ބަރުކޮށްގެން ދަތުރުކުރަމުންދާ ކޮސްޕަރލް ލޭކް އަދި ސަޢުދީއިން ތެޔޮ ހިފައިގެން ދަތުރުކުރަމުންދާ ހީ ރޮންގް ހައި ބޯޓު ވެސް މިހާރު ވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައެވެ. ދެ ބޯޓަކީ ވެސް ޗައިނާގެ ހަކަތައާބެހޭ ކުންފުނި ސިނޮޕެކްގެ ވިޔަފާރި ގުނަވަން ކަމަށްވާ ޔުނިޕެކުން ޗާޓަރުކޮށްފައިވާ ދެ އުޅަނދެވެ.